މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" އެވެ. މި ގަވާއިދު ހެދިފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3) ގެ 49 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހަދާ ފަރާތަކީ މިނިސްޓަރު ކަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ނަންބަރު 28/2006/13/ޖޭ-1 (26 ޖަނަވަރީ 2006) ސިޓީން ހަމަޖެއްސުމާ ގުޅިގެންނެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، 11 ފެބުރުވަރީ 2009 ން ފެށިގެން ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އުވުނީއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
މި މާއްދާގެ (ނ) ގައި އެހެން އޮތްކަމުގައިވިޔަސް، މި ގަވާއިދުގެ އެކިއެކި މާއްދާތަކަށް ޢަމަލުކުރުމަށް ތަފާތު ތާރީޚުތަކެއް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.
މި ގަވާއިދުގެ އެއްވެސް މާއްދާއެއް ދިވެހިރާއްޖޭގެ އެހެން ޤާނޫނަކާ ތައާރުޒުވާކަން ފާހަގަކުރެވިއްޖެނަމަ، އެފަރާތަކުން އެކަމެއް ލަސްނުކޮށް މިނިސްޓަރަށް ލިޔުމަކުން އަންގަންވާނެއެވެ.
މި ގަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގެ އެހެން ޤާނޫނަކުން އުފުލަންޖެހޭ އެއްވެސް ޒިންމާއަކުން ބަރީއައެއް ނުވެވޭނެއެވެ.
ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މާލީ އުސޫލުތަކާއި އެކަންކަމާގުޅޭ އެހެނިހެން އުސޫލުތައް ހިންގަންވާނީ، އެހެން ޤާނޫނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، މި ގަވާއިދާ އެއްގޮތަށެވެ.
ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލުތަކާއި، މި ގަވާއިދުގެ ދަށުން މިނިސްޓަރު ނެރޭ މާލިއްޔަތާ ގުޅޭ ސަރކިއުލަރތަކާ އެއްގޮތަށެވެ.
މި ގަވާއިދުގެ ބޭނުމަށް "މާލިއްޔަތާ ގުޅޭ ސަރކިއުލަރ" ކަމަށް ބުނެފައިވަނީ، ދައުލަތުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ނުވަތަ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަމެއް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން އަދި އެ ގަވާއިދާ ފުށުއެރުމެއް ނުވާގޮތަށް ތަންފީޒު ކުރުމަށްޓަކައި އެކަށައަޅަންޖެހޭ ތަފުސީލީ އިޖުރާއަތެއް ކަނޑައެޅުމުގެގޮތުން މިނިސްޓަރު ލިޔުމުން ނެރޭ އެކިއެކި އެންގުންތަކަށެވެ.
މި ގަވާއިދަށް އެއްވެސް އިޞްލާޙެއް ގެނައުމުގެ ބާރު ލިބިގެންވަނީ މިނިސްޓަރަށެވެ. މި ގަވާއިދަށް ގެނެވޭ އިޞްލާޙުތަކާއި، މި ގަވާއިދުގެ ދަށުން މިނިސްޓަރު ނެރޭ އުސޫލުތަކާއި، މާލިއްޔަތާ ގުޅޭ ސަރކިއުލަރތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ.