ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.03 ބަޖެޓުން ޚަރަދުކުރުން
  • ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ، އެ ޚަރަދެއް ކުރަންވާނީ އެކަމަކަށެވެ.

  • އަންނަނިވި ހާލަތްތަކުގައި މެނުވީ އެއްވެސް ފަރާތަކުން ދައުލަތުގެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީގެން ނުވާނެއެވެ.

    1. ޚަރަދުކުރުމަށް ބޭނުންވާ މިންވަރަށް، ޤާނޫނީ ހަމަތަކުގެމަތިން ދައުލަތުގެ ފައިސާ ލިބެން ހުރުން.
    2. ޚަރަދުކުރުމަށް ބޭނުންވާ ފައިސާއަކީ މި ގަވާއިދުގައިވާ ގޮތުގެމަތިން، ޚަރަދުކުރުމަށް ހުއްދަކޮށްފައިވާ ފައިސާއަކަށްވުން.
  • އެއްވެސް ޚަރަދެއް ކުރަންވާނީ، އެ ޚަރަދެއް ކުރުމަށް ހުއްދަދިންކަމަށް ފައިސާ ޚަރަދުކުރުމަށް ހުއްދަ އޮތް ވެރިޔަކު ހުއްދަދީ ސޮއިކުރުމުންނެވެ.

  • ޚަރަދުކުރުމަށް ހުއްދަދޭ ވެރިން ކަނޑައަޅާނީ އެ އޮފީހެއްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން މާލީޒިންމާދާރުވެރިޔާއެވެ.

  • މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޚަރަދުކުރުމަށް ހުއްދަދިނުމަށް މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ މުވައްޒަފުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.

  • ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރަންވާނީ، އެކަމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ ޚަރަދެއް ކުރަން އެންމެ އެކަށޭނަ ބަޖެޓްކޯޑުންނެވެ.