ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.06 ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފެއްދުމާއި، އެ ބޯޑު އެކުލެވިގެންވާ ގޮތް

ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމާއި، މި ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓާ ބެހޭގޮތުން ނެރެންޖެހޭ އުސޫލުތަކާއި ސަރކިއުލާތައް ނެރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާނީ "ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އިންނެވެ. މި ބޯޑުގެ ނިންމުންތައް ތަންފީޒުކުރާނީ، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން ދައުލަތުގެ މާލީ ވުޒާރާގައި ހަމަޖެހިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިންނެވެ.

  • ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލެވިގެންވަނީ ޗެއަރޕަރސަނާއެކު 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ބޯޑަށް ޢައްޔަނު ކުރަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި މެންބަރުން ޢައްޔަނު ކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

  • ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށް ޢައްޔަނު ކުރަންވާނީ، ފައިނޭންސް، ޕްލޭނިންގ، އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ލޯ، ކޮމާސް ފަދަ ޕްރޮފެޝަނަލް ދާއިރާއަކުން ތަޢުލީމު ލިބިފައިވާ އަދި އެފަދަ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ.

  • މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު ޢައްޔަނު ކުރެވުނުކަމަށް ބަލަންވާނީ، "ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އަށް ޢައްޔަނުކޮށް، ލިޔުމުން އެކަން އެ ފަރާތަކަށް އެންގުމުންނެވެ.

  • ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓްރީން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިންނެވެ.

  • މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު އެ ބޯޑުން އެކުލަވައިލައި، އެ ގަވާއިދު ފާސްކުރަންވާނެއެވެ.