ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

3.01 ދައުލަތުގެ އަހަރީ ބަޖެޓް
  • ކޮންމެ މާލީ އަހަރެއް ފެށުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި ބަޖެޓް ފާސްކުރުމަށްފަހު ކިޔާނީ "ދައުލަތުގެ އަހަރީ ބަޖެޓް" މިހެންނެވެ.

  • ދައުލަތުގެ އަހަރީ ބަޖެޓުގައި ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ކެޕިޓަލް ޚަރަދު ކުރުމުގެ ހުއްދައާއި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ރިކަރަންޓް ޚަރަދު ކުރުމުގެ ހުއްދަ ދެވޭނެއެވެ.

  • ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުގައިވާ ތަންތާނގެ ޓްރަސްޓް އެކައުންޓުތަކުން ކުރެވޭ ޚަރަދާއި ލިބޭ އާމްދަނީގެ އަންދާޒާއެއް ކަނޑައަޅާފައިވާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކޮށް މަސްއޫލު އޮފީހުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

  • ދައުލަތުގެ ކޮންމެ އޮފީހަކުން އެ އަހަރަކަށް އަންދާޒާ ކުރެވިފައިވާ އާމްދަނީގެ ޚުލާޞާއަކާއި ރިކަރަންޓް ޚަރަދުތަކާއި، ކެޕިޓަލް ޚަރަދުތަކަށް އަންދާޒާކުރެވޭވަރު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ރިކަރަންޓް ޚަރަދުތަކާއި، ކެޕިޓަލް ޚަރަދުތަކާބެހޭ ތަފުސީލާއި، ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއާބެހޭ ތަފުސީލު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.