ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.11 ފައިސާ ޗެކުން ދޫކުރުމާއި، ޗެކަށް ފައިސާ ނެގުން
  • އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން -/2,000 (ދެ ހާސް) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޭންވާނީ ޗެކަކުންނެވެ. މިނޫން ގޮތަކަށް ފައިސާ ދޫކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

  • ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޫކުރާ ޗެކުތައް ފިޔަވައި، ދޫކުރަންޖެހޭ އެހެން ޗެކުތަކުގައި ސޮއިކުރާއިރު، ޗެކުގެ ކައުންޓަރފޮއިލުގައި އެ ޗެކެއްގައި ސޮއިކުރި ވެރިޔަކު ސޮއިކުރަންވާނެއެވެ. އަދި ޗެކާއި ކައުންޓަރފޮއިލުގައި ލިޔެފައިވާ އަދަދު އެއްގޮތްތޯ ރަނގަޅަށް ބަލަންވާނެއެވެ. އަދި ކައުންޓަރފޮއިލުގައި ފުރިހަމަކުރަން ހުންނަ ބައިތައް ފުރިހަމަކޮށްފައިވޭތޯ ބަލަންވާނެއެވެ.

  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ ބޭންކަކުން ފައިސާ ނެގުމަށް ހަދާ ޗެކުތަކުގައި، އެ ތަނެއްގެ ނަމާއި ފައިސާ ނަގަން ފޮނުވާ މުވައްޒަފުގެ ނަން އޮންނަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުން ހަދާ ޗެކުތަކުގެ ތެރެއިން -/25,000 (ފަންސަވީސް ހާސް) ރުފިޔާއިން ފެށިގެން މަތީ އަދަދުތަކުގެ ޗެކުތަކުގައި، ސޮއިކުރުމަށް ހުއްދަ އޮންނަ ވެރިންގެ ތެރެއިން ދެ މީހަކު ޗެކުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

  • ދައުލަތުގެ ތަންތަނުން ހަދާ ޗެކުގައި ޖެހުމަށް ޚާއްޞަ ތައްގަނޑެއް ހަދައި، ޗެކު ދޫކުރަންވާނީ އެ ތައްގަނޑު ޖަހާފައެވެ. މި ތައްގަނޑު ބާއްވާނީ ޗެކުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ ވެރިޔެއްގެ ބެލުމުގެ ދަށުގައެވެ. ނަހަދައި ހުންނަ ޗެކުތަކުގައި ކުރިން ތައްގަނޑު ޖަހާފައި ބަހައްޓައިގެން ނުވާނެއެވެ.

  • ޗެކުފޮތްތައް ބަހައްޓަންވާނީ ފައިސާއެކޭ އެއްގޮތަށް ތިޖޫރީގައި ރައްކާކޮށްފައެވެ. ޗެކުފޮތް ހުސްވުމަށްފަހު އޮންނަ ކައުންޓަރފޮއިލުތައްވެސް ބަހައްޓަންވާނީ ބޭނުން ކޮންމެ ވަގުތަކު ބެލޭނެގޮތަށް ތަޅުލެވޭ ތަނެއްގައި ރައްކާކޮށްފައެވެ.