ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.05 ލިބޭފައިސާ ބަލައިގަތުމާއި، ރަސީދު ދިނުން
  • ދައުލަތުގެ ތަނަކަށް ފައިސާ ބަލައިގަންނަނަމަ، ފައިސާ ދެއްކި ފަރާތަށް ރަސީދު ދޭންވާނެއެވެ. މި ރަސީދު އަތުން ލިޔެފައި ނުވަތަ އިލެކްޓްރޯނިކް މެޝިނުން ޕްރިންޓުކޮށްފައިވެސް ދެވިދާނެއެވެ. އަތުން ލިޔެފައި ރަސީދު ދޭނަމަ، ރަސީދު ފޮތްތައް ހުންނަންވާނީ އޮފީހުގެ ނަމުގައި ޗާޕުކޮށް ސީރިއަލް ނަންބަރު ޖަހާފައެވެ. ރަސީދުގައި ތިރީގައިމިވާ މަޢުލޫމާތު ހުންނަންވާނެއެވެ.

    1. ފައިސާ ދެއްކިފަރާތް
    2. ފައިސާ ދެއްކީ ކޮން ކަމަކަށްކަން
    3. ފައިސާގެ އަދަދާއި ބާވަތް (ވިޔައަކުރުންނާއި ރަސީދު ލިޔެވޭ ބަހަކުން)
    4. ފައިސާ ބަލައިގަތީ ޗެކުންނަމަ ޗެކުގެ ނަންބަރާއި ބޭންކް، ނުވަތަ ފައިސާއިންނަމަ ފައިސާއިންކަން
    5. ތާރީޚު
    6. ފައިސާ ބަލައިގަތް މީހާގެ ނަމާއި ސޮއި
    7. ރަސީދު ނަންބަރު
    8. އޮފީހުގެ ތައްގަނޑު (މި ތައްގަނޑު އޮންނަންވާނީ މި މާއްދާގެ (އ) ގައިވާ ގޮތަށް)
  • ބިލު ނުވަތަ އިންވޮއިސްގައި ފައިސާ ލިބުނުކަމަށް ބަޔާންކުރާއިރު ތިރީގައިމިވާ މަޢުލޫމާތު ހުންނަންވާނެއެވެ.

    1. ފައިސާ ބަލައިގަތް މީހާގެ ނަން ނުވަތަ އެ މީހާގެ ކޯޑު ނަންބަރު
    2. ފައިސާ ދެއްކި ތާރީޚު
    3. ބަލައިގަތް ފައިސާގެ އަދަދު
    4. ބިލު ނުވަތަ އިންވޮއިސްގައި ފައިސާ ބަލައިގަތް އޮފީހުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމުގެ ހުއްދަ އޮތް މީހަކު ސޮއިކުރުން. މިގޮތަށް ބިލުން ނުވަތަ އިންވޮއިސުން ފައިސާ ބަލައިގަތް ކަމުގައިވިޔަސް، އެ ބިލަކަށް ނުވަތަ އެ އިންވޮއިސަކަށް ރަސީދު ހަދަންވާނެއެވެ.
    5. ފައިސާ ދެއްކި ފަރާތް
  • ފޯމުފަދަ ތަކެތި ވިއްކާއިރު، ފޯމުތައް ޗާޕުކޮށް، ހުރިހާ ފޯމެއްގައި ތަރުތީބުން ނަންބަރު ޖެހުމަށްފަހު، އެ ފޯމުތައް ރަސީދު ނުހަދާ ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، އެ ދުވަހު ވިކުނު ހުރިހާ ފޯމަށް، ކޮންމެ ބާވަތަކުން ލިބުނު ޖުމުލަ ފައިސާގެ އަދަދު އެނގޭނޭގޮތަށް ރަސީދެއް ހަދަންވާނެއެވެ.

  • ސްޓިކަރ، ޓިކެޓްފަދަ ތަކެތި ޗާޕުކޮށް ތަރުތީބުން ނަންބަރު ޖެހުމަށްފަހު ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.

  • ސްޓޭމްޕް، ޕޯސްޓުކާޑު، އެއިރޯގްރާމް، ތަފާތު ސުވެނިއަރ ރަމްޒީ ފައިސާފޮތި، ދިދަފަދަ ތަކެތި ރަސީދު ނުހަދައި ވިއްކިދާނެއެވެ. އަދި ދުވަސް ނިމުމުން، މުޅި ދުވަހަށް ކޮންމެ ބާވަތަކަށް ވަކި ރަސީދެއް ހަދަންވާނެއެވެ.

  • އެއްވެސް ހާލަތެއްގައި ރަސީދު ހެދުމަށް އޮންނަ ގޮތް ނޫން ގޮތަކަށް ވަގުތީ ރަސީދެއް ނުވަތަ ނުރަސްމީ ރަސީދެއް ނުވަތަ މިނޫންވެސް އެހެން ގޮތަކަށް ރަސީދު ހަދައި ދޫކޮށްގެން ނުވާނެއެވެ.

  • ފައިސާ ބަލައިގަތުމަށްފަހު ދޫކުރާ ރަސީދުތަކުގެ ކޮޕީ އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް މި ގަވާއިދުގައިވާ ގޮތުގެމަތިން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި ކެންސަލްކުރެވޭ ރަސީދުތަކުގެ އަސްލާއި، ކޮޕީ އެއްކޮށް ހީރަސް ޖެހުމަށްފަހު، ކެންސަލްކުރަން ޖެހުނު ސަބަބު ބަޔާންކޮށް އެ ތަނެއްގެ ވެރިޔަކު ރަސީދުގައި ސޮއިކުރަންވާނެއެވެ. މިފަދަ ރަސީދުތައްވެސް ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  • ފައިސާ ބަލައިގެންފައި ޖަހާ ތައްގަނޑު އޮންނަންވާނީ ތިރީގައިމިވާ ނަމޫނާއާ އެއްގޮތަށެވެ. Tux, the Linux mascot ނޯޓު: މިނިސްޓްރީ އޮފް ފިނޭންސްގެ ނަން އޮތް ތަނުގައި އޮންނަންވާނީ އެ އޮފީހެއްގެ ނަމެވެ.

  • ފައިސާ ބަލައިގަންނަ ތައްގަނޑު އޮންނަންވާނީ ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވާ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ތަޅުލެވޭ ތަނެއްގައި ރައްކާކުރެވިފައެވެ.