އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.06 ޓްރަސްޓް ފަންޑާއި ޓްރަސްޓް އެކައުންޓް އެކުލެވިގެންވާ ގޮތް
  • ޓްރަސްޓް ފަންޑަށް ޖަމާކުރެވޭނީ، ޓްރަސްޓް ފަންޑް ހުޅުވާފައިވާ ބޭނުމަށް، އެކަމަށް ކަނޑައަޅާފައިވާ ފައިސާއެވެ. މިފަދަ ފައިސާ ޖަމާކުރަންވާނީ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތިން ހުޅުވާ ޓްރަސްޓް އެކައުންޓަކަށް ނުވަތަ ޕަބްލިކް ފަންޑަކަށެވެ.

  • ޓްރަސްޓް ފަންޑް އެކުލެވިގެންވަނީ، އިންޓަރެސްޓް ސަސްޕެންސް އެކައުންޓާއި، ޓްރަސްޓް ފަންޑުގެ ބައެއްގެ ގޮތުގައި އުފައްދާ ޓްރަސްޓް އެކައުންޓްތަކާއި، އެކި ބޭނުންތަކުގައި އެކި ދުވަސްވަރު ތިރީގައިމިވާ ބާވަތުގެ ކަންތައްތަކަށް އުފައްދާ ޓްރަސްޓް އެކައުންޓްތަކެވެ. މިހުރިހާ އެކައުންޓެއްވެސް ޓްރަސްޓް ފަންޑުގައި ހިމެނޭނެއެވެ.

    1. ދައުލަތުގެ ވަކި ބޭނުންތަކަކަށް ޚަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅައި ފާސްކޮށްފައިވާ ފައިސާ ބެހެއްޓުމަށް.
    2. ދައުލަތުގެ އޮފީހެއް ކަމުގައިނުވާ އެހެން ފަރާތެއްގެ ބޭނުމަށް، ދައުލަތުން ފައިސާ ބަހައްޓައިދިނުމަށް.
    3. ދައުލަތުގެ ވަކި ބޭނުމަކަށް ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ވަކި ޝަރުޠުތަކެއްގެ މަތިން ދައުލަތަށް ލިބޭ ފައިސާ، ދައުލަތުގެ ފައިސާގެ ގޮތުގައި ވަގުތީގޮތުން ބެހެއްޓުމަށް.
    4. ދައުލަތަށް ލިބޭ ފައިސާއެއްގެ ވަކި ބޭނުމެއް އެނގެންދެން، ވަގުތީގޮތުން ބެހެއްޓުމަށް.
    5. ޓްރަސްޓް އެކައުންޓުގައި ބަހައްޓައިގެން ދޭންޖެހޭ ނުވަތަ ޚަރަދުކުރަންޖެހޭ ގޮތަށް ވަކި ޚާއްޞަ ބޭނުމަކަށް ބަޖެޓުގައި ކަނޑައަޅާ ފާސްކޮށްފައިވާ ދައުލަތުގެ އެންމެހައި ފައިސާ ބެހެއްޓުމަށް.
    6. އެހެން ޤާނޫނަކުން ލާޒިމުކުރުމުން ޓްރަސްޓް އެކައުންޓެއްގައި ފައިސާ ބެހެއްޓުމަށް.
    7. ޚާއްޞަ ބޭނުމަކަށް ލިބިފައިވާ ދައުލަތުގެ އެންމެހައި ފައިސާ ބެހެއްޓުމަށް.
  • ބޭންކުގައި ވަކިން އެކައުންޓު ހުޅުވިފައިވާ ޓްރަސްޓް އެކައުންޓްތަކާއި، ޕަބްލިކް ބޭންކް އެކައުންޓުގެ ގޮތުގައި ބޭނުންކުރާ ޓްރަސްޓް އެކައުންޓްތައް ޓްރަސްޓް ފަންޑުގައި ހިމެނެއެވެ. ބޭންކުގައި ވަކިން އެކައުންޓެއް ހުޅުވިފައިވާ ޓްރަސްޓް އެކައުންޓެއްނަމަ، އެ ބޭންކް އެކައުންޓުގައި ހިމެނޭ ފައިސާއަށްވުރެ އިތުރަކަށް ފައިސާއެއް ނުނެގޭނެއެވެ.

  • މި ގަވާއިދުގެ ބޭނުމަށް ޓްރަސްޓް އެކައުންޓުގެ ގޮތުގައި ބަލާ އެކި ބާވަތުގެ އެކައުންޓުތައް ތިރީގައި މިވަނީއެވެ.

    1. ސަރުކާރުގެ ވިޔަފާރި ކުރުމަށް ބޭނުންކުރެވޭ ރިވޯލްވިންގ ފަންޑް ނުވަތަ ވަރކިންގ ކެޕިޓަލް ފަންޑް.
    2. އިންޓްރަސްޓް ލިބޭ ޓްރަސްޓް އެކައުންޓްތައް. (ކުށްވެރިންގެ ފައިސާ، ބޭރުމީހުން ދައްކާ ޑިޕޮޒިޓު ފައިސާ، ވާރިޘަކު ނެތި އަދި ވަޞިއްޔަތެއްވެސް ނެތި ހުންނަ މުދަލަށް ލިބޭ ފައިސާ، ޚާއްޞަ އެހީގެ މަރުކަޒުތަކުގައި ތިބޭ މީހުންގެ ފައިސާ، ބޮންޑް، ޑިޕޮސިޓްސް، އަދި މިބާވަތުގެ އެހެނިހެން ފައިސާ ބެހެއްޓުމަށް ހުޅުވާ އެކައުންޓުތައް)
  • ސަސްޕެންސް އެކައުންޓުގެ ގޮތުގައި ބަލަހައްޓާ ޓްރަސްޓް އެކައުންޓްތަކަށް، ތިރީގައިމިވާ ބާވަތުގެ ކަންތައްތަކަށް ލިބޭ ފައިސާ ޖަމާކުރެވިދާނެއެވެ.

    1. ވަކި ޚާއްޞަ ބޭނުމަކަށް ބެހެއްޓިފައިވާ ރަށްރަށުގެ ނުވަތަ އަތޮޅުތަކުގެ ފައިސާ.
    2. ވަކި ޚާއްޞަ ކަމަކަށް ބޭރުގެ އެހީގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކަށް ލިބޭ ފައިސާ.
    3. ތިންވަނަ ފަރާތަކަށް ބެހެއްޓިފައިވާ އެހެނިހެން ފައިސާ.
  • ކޮންމެ މާލީއަހަރެއް ނިމޭއިރު ޓްރަސްޓް އެކައުންޓުގެ ބާކީގައި ހުންނަ ފައިސާ ޖެހިގެން އަންނަ އަހަރަށް ގެންދެވޭނެއެވެ.

  • ޓްރަސްޓް އެކައުންޓްގެ ހުރިހާ މުޢާމަލާތެއްވެސް ހިންގަންވާނީ، ދައުލަތުގެ ފައިސާގެ ހިސާބުތައް ބަލަހައްޓާ ނިޒާމުގެ ތެރެއިން މިގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.