ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.40 ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައިކުރުން
  • ކޮންޓްރެކްޓެއް ހަވާލުކުރާނޭ އެކަށީގެންވާ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި، ތިރީގައިމިވާ ގޮތުގެމަތިން ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައި ކުރެވިދާނެއެވެ.

    1. އެ ކޮންޓްރެކްޓެއްގެ ދަށުން ގަންނަން ބޭނުންވާ ތަކެއްޗަކީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތަކީ ނުވަތަ ހޯދަން ބޭނުންވާ ޚިދުމަތަކީ ވަކި ޚާއްޞަ ހުނަރެއް ބޭނުންވާ ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ނުވަތަ އެކަމެއް ފަރުމާކުރުމުގެ ތަފުސީލު ބޭނުންވާ ކޮންޓްރެކްޓަކަށްވުން.
    2. ބީލަން ތައްޔާރުކުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން ބީލަމުގައި ބައިވެރިވާނޭ ފަރާތްތައް މަދުވެ، ވާދަވެރިކަން ކުޑަވެދާނެ ފަދަ ކޮންޓްރެކްޓަކަށްވުން.
    3. ހުށަހެޅޭ ބީލަންތައް ތަފުސީލުކޮށް ދިރާސާކުރަން ޖެހުމާއި، ގިނަ އަދަދެއްގެ ބީލަންތައް ދިރާސާކުރުމަށްޓަކައި ވަގުތު ހޭދަވުމާއި، ސަރުކާރުގެ އިދާރާއަކުން އެކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެދާނެފަދަ ކޮންޓްރެކްޓަކަށްވުން.
  • ދައުލަތުގެ އޮފީހަކުން ކޮންޓްރެކްޓަރުން ޕްރީ-ކޮލިފައި ކުރަނީނަމަ، އެކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ޕްރީ-ކޮލިފައިވުމަށް ފުރުޞަތު އޮންނާނޭހެން މި ގަވާއިދުގެ 10.38 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކަމެއް އާންމުކުރަންވާނެއެވެ.

  • ޕްރީ-ކޮލިފިކޭޝަނުގައި ބައިވެރިވުމަށް އެދޭ ހުރިހާ ބީލަންވެރިންނަށް ޕްރީ-ކޮލިފިކޭޝަން ބީލަންފޮތް ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރެވޭ ބީލަންފޮތުގައި، ޕްރީ-ކޮލިފިކޭޝަން ކްރައިޓީރިއާއާއި ޕްރީ-ކޮލިފިކޭޝަން ޝަރުޠުތައް، އަދި ބީލަންފޮތް ފުރިހަމަކުރާނެ ގޮތާއި ހުށަހަޅާނޭ ގޮތުގެ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ޕްރީ-ކޮލިފައިކުރެވޭ ހުރިހާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދޭންވާނެއެވެ.