ދައުލަތު ތަންތަނުގައި ހުންނަ ދައުލަތުގެ މުދަލުގެ ހިސާބުތައް މި ގަވާއިދުގެ 11.02 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ތަކެއްޗަށް އަންނަ އުނިއިތުރާއި، ބަލަށްކެނޑިގޮތް (ޑެޕްރިސިއޭޝަން) އެނގޭނޭގޮތަށް ލިޔެ ބަލަހައްޓަން ވާނެއެވެ.
ދައުލަތުގެ ހަރުމުދާ ބަލަށްކެނޑުމުގައި (ޑެޕްރިސިއޭޝަން) ޢަމަލުކުރާނެ އުސޫލެއް އޮޑިޓަރ ޖެނެރަލްގެ މަޝްވަރާއާއެކު މިނިސްޓަރު ކަނޑައަޅައި އާންމުކުރަންވާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިސާބު ބެލެހެއްޓުމަށްޓަކައި ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ތަކެތި ބައިކުރާނީ MG/PR02 ގައިވާ ގޮތުގެ މަތިންނެވެ.
ދައުލަތުގެ ހަރުމުދަލުގެ ގޮތުގައި ކެޓަގަރައިޒްކުރެވިގެން ހިސާބު ބެލެހެއްޓުމުގައި، ހަރުމުދަލުގެ އިންވެންޓްރީގެ އެކި ބައިތަކަށް ބައިކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.
ކެޓަގަރީ ނަންބަރު 01 : ބިންބިމާއި، ޢިމާރާތްތަކާއި، އެ ބާވަތުގެ މާއްދީ މުދާ
މި ބައިގައި ހިމެނެނީ، ބިންބިމާއި، ޢިމާރާތްތަކާއި، ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، ފެނާއި ނަރުދަމާފަދަ ނިޒާމުތަކާއި، ސްޓޭޑިއަމްތަކާއި، ޕާކުތަކާއި، ބުރިޖުތަކާއި، މަގުތައް ފަދަ މާއްދީ މުދަލެވެ. މިގޮތުން ނަގާ ލިސްޓުގައި އެ އެއްޗެއް އޮތް ނުވަތަ ހުރި ތަނަކާއި، ބޮޑުމިނާއި، ހަދާފައިހުރި ގޮތާއި، އަގާއި، އުފެއްދި ނުވަތަ ލިބުނު ތާރީޚު އެނގޭނޭގޮތަށް ތަފުސީލުކޮށް ރަޖިސްޓަރީގައި ލިޔެފައި އޮންނަންވާނެއެވެ. މިފަދަ ތަންތަނާއި ތަކެތީގެ ކުރެހުންތަކުގެ އަސްލު އެ އޮފީހެއްގައި ހުންނަންވާނެއެވެ. ކުއްޔަށް ހިފާފައި ހުންނަ ތަންތަން މީގެ ތެރެއަކު ނުހިމެނޭނެއެވެ.ކެޓަގަރީ ނަންބަރު 02 : ފަރުނީޗަރާއި، ފިކްސްޗަރސް އަދި ފިޓިންގްސް
މިބައިގައި ހިމެނެނީ، ގޮނޑި، މޭޒު، އަލަމާރިފަދަ ތަކެއްޗާއި، އިމާރާތުގައި ހަރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ޕެނަލް ބޯޑު، ފަންގިފިލާ ފަންކާ، ފެންއަޅާ ތާނގީ، ތިޖޫރީފަދަ ހަލާކުނުކޮށް ނައްޓާލެވޭގޮތަށް ހަރުކޮށްފައި ހުންނަ ތަކެއްޗެވެ.ކެޓަގަރީ ނަންބަރު 03 : ޕްލާންޓް، މެޝިނަރީ، އިކްއިޕްމަންޓްސް، ސޮފްޓްވެއަރ އަދި އައި.ޓީ )އިންފޯމޭޝަން ޓެކްނޮލޮޖީ) އާ ގުޅޭ ގޮތުން ހޯދާ ހާޑުވެއަރ
މި ބައިގައި ހިމެނެނީ، ޑީސެލިނޭޝަން ޕްލާންޓް، އިންޖީނު، އެކިކަހަލަ އިކްއިޕްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރއާއި ސޮފްޓްވެއަރ، ސައިންޓިފިކް އިކްއިޕްމަންޓް، އައިސް އަލަމާރި، ދޮންނަ މެޝިނު، ފެންމޯޓަރ، އުނދުން، ފޯނު، ވޯކީޓޯކީ ސެޓް، ރޭޑިއޯޓެލެފޯން ސެޓް، ޓީވީ، ލަވަޖަހާ ސެޓް، އެއަރކޮންޑިޝަން، ފޮޓޯކޮޕީމެޝިން، ޕްރިންޓަރ، ބައިންޑިންގ މެޝިން، ލެމިނޭޓިންގ މެޝިން، ފައިސާ ގުނާ ނުވަތަ ޗެކުކުރާ މެޝިން، ޝްރެޑަރ، ކެމެރާފަދަ ތަކެއްޗެވެ.ކެޓަގަރީ ނަންބަރު 04 : ދުއްވާ ތަކެތި
މި ބައިގައި ހިމެނެނީ، އެއްގަމުގައި ދުއްވާ ތަކެއްޗާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ވައިގައި ދުއްވާ ބޯޓުފަހަރެވެ. ކަފު ޖަހައިގެން ދަމާ ތަކެއްޗާއި، ޓްރެކްޓަރުގައި ޖަހައިގެން މަސައްކަތްކުރާ ތަކެތިވެސް މީގެތެރޭގައި ހިމެނޭނެއެވެ.ކެޓަގަރީ ނަންބަރު 50 : މަސައްކަތްކުރަން ގެންގުޅޭ ޓޫލްސް، އިންސްޓްރޫމަންޓްސް، އަދި އެޕަރޭޓަސް
މި ބައިގައި ހިމެނެނީ، އިންޖީނާއި މެޝިން ހެދުމުގެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްއާއި، ލެބޯޓަރީފަދަ ތަންތާނގައި ބޭނުންކުރާ ޓޫލްސްއާއި، އެހެނިހެން މަސައްކަތުގައި ބޭނުންކުރާ ޚާއްޞަ އިންސްޓްރޫމަންޓްތަކެވެ.ކެޓަގަރީ ނަންބަރު 06 : ކޮޕީރައިޓްސް އަދި ޕޭޓަންޓްސް
މި ބައިގައި ހިމެނެނީ، ދައުލަތަށް ހޯދާފައިވާ ކޮޕީރައިޓްސްއާއި، ޕޭޓަންޓްސްއާއި، ޓްރޭޑްމާކް، އަދި ލައިސަންސާއި މިނޫންވެސް މިބާވަތުގެ މުދަލުގެ ތަފުސީލެވެ.ކެޓަގަރީ ނަންބަރު 07 : އާސާރީ ތަންތަނާއި ތަކެތި
މި ބައިގައި ހިމެނެނީ، ދައުލަތުގެ މިލްކުގެގޮތުގައި ހިމެނޭ އެންމެހައި އާސާރީ، އަދި ތާރީޚީ ތަންތަނާއި، އެ ތަންތަނުގައި ބެހެއްޓިފައި ހުންނަ އާސާރީ އަދި ތާރީޚީ ތަކެއްޗެވެ.ކެޓަގަރީ ނަންބަރު 08 : ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަނާއި، ކުޅިއާއި ފަޅާއި ފަރުފަދަ ތަންތަން، އަދި އެތަންތަނާއި އެނޫން ތަންތަނުގައި ހުންނަ ދިރޭމުދާ
މި ބައިގައި ހިމެނެނީ، ދައުލަތުން ބަލަހައްޓާ ބިންބިމާއި، ރާއްޖޭގެ ހުރިހާ ފަޅުރަށްރަށާއި ހުރާގަނޑާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަނާއި، ފަޅުތެރޭގައި ހުންނަ ފިނޮޅުތަކާއި، ރަށްރަށުގައި ހުންނަ ކުޅިތަކާއި، ރަށްރަށާ ވަކިން ހުންނަ ފަރުތަކާއި ފަޅުތަކާއި، މިފަދަ ތަންތަނުގައި ހުންނަ ރުއްގަސްފަދަ ދިރޭމުދަލެވެ.ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ޗެކުކޮށް ބަލަންވާނެއެވެ. މިގޮތުން ޗެކުކުރާއިރު، ތަކެތި ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ބަލަންވާނެއެވެ.
މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ޗެކުކުރުމަށްފަހު، ތަކެއްޗާ ހަވާލުވެހުރި މުވައްޒަފަކާއި ޗެކުކުރި ބަޔަކު ހަރުމުދާ ޗެކުކުރިކަމުގެ ލިޔުމެއްގައި ސޮއިކުރަންވާނެއެވެ. ޗެކުކުރިއިރު އުނިއިތުރެއްވާނަމަ އެކަމާމެދު ނިންމި ގޮތް ބަޔާންކޮށް އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު ސޮއިކުރަންވާނެއެވެ.