ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން، ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް، އެއްވެސް ލޯނެއް ނަގަންވާނީ ނުވަތަ ދަރަންޏަށް އެއްވެސް ފައިސާއެއް ނަގަންވާނީ، ތިރީގައިމިވާ މަޢުލޫމާތު ހިމެނޭގޮތަށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިނުމުންނެވެ.
- ދަރަނި ނުވަތަ ލޯނު ނެގުމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށާއި، އިޤުތިޞާދަށް ކުރާނެ ފައިދާއަކީ ކޮބައިކަން.
- ދަރަނި ނުވަތަ ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރާނޭ އަސަރު ދިރާސާކުރުމަށްފަހު، ކަނޑައަޅާ މުއްދަތާއި، މިންވަރާއި، ދަރަނި ނުވަތަ ލޯނުގެ އިންޓަރެސްޓާއި، ދަރަނި ނުވަތަ ލޯނު ނެގުމަށްޓަކައި ނުވަތަ ދަރަނި ނުވަތަ ލޯނު ހޯދުމަށްޓަކައި ކުރަންޖެހޭނެ އެންމެހައި ޚަރަދުތަކުގެ ތަފުސީލު.
- ދަރަނި ނުވަތަ ލޯނު ނަގާ ބޭނުމާއި، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ދަރަނި ނުވަތަ ލޯނު އަދާކުރާނެކަމުގެ ޔަގީންކަން އޮވެގެން މިކަންކަން ބަޔާންކޮށް، ދަރަނި ނުވަތަ ލޯނު ނަގާ ފަރާތުން ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅާ ދިރާސާ ރިޕޯޓު.
ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ނަގާ ލޯނަކާ ގުޅިގެން، ނުވަތަ ދަރަންޏަށް ނަގާ ފައިސާއަކާ ގުޅިގެން، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ މުޢާމަލާތަކާ ގުޅިގެން، ދައުލަތުގެ ނަމުގައި ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ދިވެހި ސަރުކާރުން ގެރެންޓީއެއް ދޭންވާނީ، ނުވަތަ ދައުލަތުގެ މުދަލެއް ނުވަތަ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ރަހުނުކުރަންވާނީ، ނުވަތަ ދައުލަތުގެ މުދަލަކާ ނުވަތަ ފައިސާއަކާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް އަޙުދެއް ނުވަތަ ކަށަވަރުކަމެއް ދޭންވާނީ، މި ގަވާއިދުގެ 14.02 ވަނަ މާއްދާގައިވާ ތަފުސީލު ހިމަނައިގެން ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓަރު އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެކަން އެގޮތަށް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދިނުމުންނެވެ.