މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.16 ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ
  • ދައުލަތުގެ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާންމަހުގެ ޢިނާޔަތް ދޭނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

  • ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ރަމަޟާންމަސް ފެށުމުގެ ކުރިން ދޭންވާނެއެވެ. ޢިނާޔަތުގެ ފައިސާ ދޫކުރާނީ ޝަޢުބާންމަހުގެ 27 އަދި 28، މި ދެދުވަހުންކުރެ ދުވަހަކުއެވެ. ޢިނާޔަތުގެ ފައިސާ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، އެ ފައިސާ ދޭނީ އޭގެ ކުރިން އަންނަ ސަރުކާރު ބަންދު ނޫން ދެދުވަހުންކުރެ ދުވަހަކުއެވެ.

  • ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރަމަޟާންމަހުގެ 1/3 (ތިންބައިކުޅަ އެއްބައި) ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދައި ޖަމާކުރަންވާނެއެވެ.

  • ރަމަޟާންމަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ޢިނާޔަތުގެ ފައިސާ، ވަޒީފާ އަދާކުރަން ފަށާ ތާރީޚުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ. މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ ފައިސާ ބަލާނީ 30 (ތިރީސް) އިން ގެއްލައިގެންނެވެ.

  • އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދޫކުރެވިފައިވާ ފަރާތްތަކުން، އެތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތު ފައިސާ ދެވޭވަރަށް ފައިސާ ނެތި މަދުވާނަމަ، އެ މަދުވާ އަދަދަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހު، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ދުވަހުގެ 7 (ހަތެއް) ދުވަސް ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިމިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.