މި ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް މިނިސްޓަރަށް ނިންމޭނީ، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.
(1) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު؛
(2) ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތު؛ އަދި
(3) ޤާނޫނު ނަންބަރު 28/2015 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތު.
މި މާއްދާގެ (ހ) ގެ ދަށުން ޢަމަލުކުރާ ހާލަތުގައި، ގަވާއިދަށް ޢަމަލުނުކުރަން ނިންމި ނިންމުމަށް ވާޞިލުވީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންކަމާއި، އެ ހާލަތުގައި ގަވާއިދަށް ޢަމަލުކުރުމުން ކުރިމަތިވަނީ ކޮންކޮން ދަތިތަކެއް ކަން ތަފުސީލުކޮށް އެނގޭގޮތަށް ސަބަބު ބަޔާންކޮށް އަދި މި ގަވާއިދުން ޢަމަލުނުކުރާނެ ބައިތަކާއި، ޢަމަލު ނުކުރާނެ މުއްދަތާއި، އެ މުއްދަތުގައި ޢަމަލުކުރާނެ ގޮތުގެ ތަފުސީލު އެނގޭނެ ގޮތަށް މިނިސްޓަރުގެ ޤަރާރަކުން އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.
މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ޚަރަދުތަކުގެ ތަފުސީލު، މި މާއްދާގެ (ހ) ގެ ދަށުން ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް ޢަމަލުނުކުރަން މިނިސްޓަރު ނިންމައިފައިވާ މުއްދަތުގެ ތެރޭގައި، މަދުވެގެން ހަފުތާއަކު 1 (އެކެއް) ފަހަރު އެ އިދާރާއަކުން އާންމުކުރަންވާނެއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް މިނިސްޓްރީ އޮފް ފިނޭންސުން ކުރިޔަށް ގެންދަންވާނެއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުރާ ޚަރަދުތައް އެ އިދާރާއެއްގެ މާލީ ޒިންމާދާރު ވެރިޔާ ޚާއްޞަ އިސްކަމެއްދީގެން ބަލަންވާނެއެވެ.
ހަނގުރާމައެއްގެ ހާލަތު ޤައުމަށް މެދުވެރިވެގެން، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެގެން، ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެގެން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެއްޖެނަމަ، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަޔާއެކު، ނުވަތަ އެ ވުޒާރާ ހިންގުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މީހެއްގެ ހުއްދަޔާއެކު، ޗީފް އޮފް ޑިފެންސް ފޯސް އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ޚަރަދުކުރެވިދާނެއެވެ.
ޤުދުރަތީ ކާރިސާއެއް ދިމާވެގެން، ނުވަތަ ނުރައްކައުތެރި ބަލިމަޑުކަމެއް ދިމާވެގެން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތް މެދުވެރިވެއްޖެނަމަ، އެ ފަހަރަކު ބޭނުންވާ މިންވަރަކަށް މިނިސްޓަރ އޮފް ފިނޭންސް ނުވަތަ އެ ވުޒާރާ ހިންގުން ހަވާލުކޮށްފައިވާ މީހަކު އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ޚަރަދުކުރެވިދާނެއެވެ.