ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

3.04 ދައުލަތުގެ އާމްދަނީގެ އަންދާޒާތައް އަންދާޒާ ބަޖެޓުގައި ހިމެނުން
  • އާމްދަނީގެ ބައިތައް އަންދާޒާ ބަޖެޓުގައި ހިމެނުމަށް ވަކި ޚާއްޞަ އިރުޝާދެއް ދީފައިވާނަމަ، އެކަމެއް ނިސްބަތްވާ ދައުލަތުގެ އޮފީހަކުން އެކަމަކަށް ސަމާލުކަން ދޭންވާނެއެވެ.

  • ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް، އެ އޮފީހަކުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ދެލިކޮޕީއެއް ދައުލަތުގެ ކޮންމެ އޮފީހަކުން ތައްޔާރުކުރަންވާނެއެވެ. އެ އޮފީހަކުން ހިންގޭ ހަރަކާތްތަކުން ލިބޭ އެންމެހައި އާމްދަނީ އެ ދެލިކޮޕީގައި ހިމަނަންވާނެއެވެ. މިގޮތުން ލިބޭ އާމްދަނީގެ ބައެއް، އެހެން އޮފީހަކުން ބަލައިގަނެ ހިސާބުކުރި ކަމުގައިވިޔަސް އެ އާމްދަނީއެއް ނިސްބަތްވާ އޮފީހެއްގެ އަންދާޒާ އާމްދަނީގައި ހިމަނަންވާނެއެވެ.

  • އާމްދަނީ އަންދާޒާކުރުމުގައި ލިބޭނެ އަދަދަށްވުރެ އިތުރަށް ނުހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ލިބޭ އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު އަންނަ އުނިއިތުރު އަންނަންޖެހުނު ގޮތުގެ ތަފުސީލު އަންދާޒާ ބަޖެޓާއެކު ހުށަހަޅަންވާނެއެވެ.

  • ވަކި ޤާނޫނެއް ފާސްވެގެން ނުވަތަ ވަކި ކަންތައްތަކެއް ހަމަޖެހިގެން ނޫނީ ލިބުމުގެ ފުރުޞަތު ނެތް އާމްދަނީ ލިބޭނެކަމަށް އަންދާޒާ އާމްދަނީގައި ހިމަނާނަމަ، އެކަން ބަޖެޓް ދިރާސާކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެ އޮފީހަކުން ހުށަހަޅަންވާނެއެވެ. އަދި މިނިސްޓަރު ބޭނުންވާނަމަ، މިކަމަށް ޚާއްޞަ ރިޕޯޓެއް އެ އޮފީހަކުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.