ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.18 ކޮންޓްރެކްޓަރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުންނާއި، ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޖާމިނުނުވުމުން އެޅޭނެ ފިޔަވަޅު
  • ބީލަން ކާމިޔާބުކުރާ ފަރާތުން ޢަމަލުކުރުމަށް މި ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ކޮންޓްރެކްޓަރަކު ޢަމަލުނުކޮށްފިނަމަ، ދައުލަތުގެ ބީލަންތަކުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެ ކޮންޓްރެކްޓަރަކު ބައިވެރިކޮށްގެން ނުވާނެއެވެ.

  • ބީލަން ކާމިޔާބުކުރާ ފަރާތުން މި ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢަމަލުނުކޮށްފިނަމަ، ކޮންޓްރެކްޓުގައި ބަޔާންކުރާ ގޮތެއްގެމަތިން އެފަރާތެއްގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެކަމެއް ހަމަޖައްސާނީއެވެ. މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެކަމަށް ހިނގި ޚަރަދު ހަމަޖެއްސުމަށްފަހު، ބާކީ ފައިސާ ހުރިނަމަ އެފަރާތަކަށް ދޭންވާނެއެވެ.

  • ބީލަން ކާމިޔާބުކުރާ ފަރާތުން މި ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢަމަލުނުކޮށްފި ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެފަރާތެއްގެ މުދާ ވިއްކައިގެން އެކަމެއް ހަމަޖެއްސޭނެ ގޮތެއް ކޮންޓްރެކްޓުގައި ބަޔާންކުރެވިފައި ނެތްނަމަ، އެފަދަ މައްސަލަތައް ނިންމާނީ ޝަރީޢަތަށް ހުށަހަޅައިގެންނެވެ.