އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.08 ދައުލަތުގެ އޮފީސްތަކުން ފަންޑު އެކައުންޓް ހުޅުވައި ހިންގުމުގައި ޢަމަލުކުރަންޖެހޭ ގޮތް
  • ވަކި ޤާނޫނެއްގެ ދަށުން ބާރު ލިބިގެން، ދައުލަތުގެ އޮފީސްތަކުން ހުޅުވައި ހިންގަންޖެހޭ ފަންޑުތައް ހުޅުވައި ހިންގުމުގައި، ހުރިހާ ފަންޑުތަކެއްގެ މައިގަނޑު ސިފަތައް އެއްގޮތަށް ބެހެއްޓުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހިސާބު ބެލެހެއްޓުމާއި ގެންގުޅުމުގައި ހަރުދަނާ އެއްއުސޫލުތަކެއް އޮތުން ބޭނުންވާނެތީ، ދައުލަތުގެ އޮފީހަކުން އެފަދަ ފަންޑެއް ހުޅުވައި ހިންގަން ބޭނުންވާނަމަ، އެ ފަންޑަކާ ބެހޭ ތިރީގައިމިވާ މަޢުލޫމާތު ހިމެނޭގޮތަށް "ފަންޑް ސްޓޭޓްމަންޓް" ތައްޔާރުކޮށް ފަންޑު ހުޅުވުމަށް ބޭނުންވާ ދުވަހުގެ 15 (ފަނަރަ) ދުވަސް ކުރިން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. އަދި މި ހުށަހެޅުން މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަމާމެދު ފެންނަ ގޮތެއް އެ އޮފީހަކަށް ލިޔުމަކުން އަންގަންވާނެއެވެ.

    1. ފަންޑު ހުޅުވުމަށް ބަޔާންކުރާ ޤާނޫނުގެ ނަމާއި، ނަންބަރާއި، ތާރީޚު.
    2. ފަންޑުގެ ނަން.
    3. ފަންޑުގެ ބޭނުން.
    4. ފަންޑަށް ޖަމާކުރާ ފައިސާގެ ބާވަތް.
    5. ފަންޑުން ހޭދަކުރެވޭ ކަންތައްތައް.
    6. ފަންޑު ހިންގުމުގައި ޒިންމާ އުފުލާ ފަރާތް.
    7. ފަންޑު ހިންގުމަށްޓަކައި ޓްރަސްޓް އެކައުންޓެއް ހުޅުވަން ބޭނުންވާނަމަ އެކަން.
    8. ފަންޑު އެކައުންޓު ބަންދުކުރާނެ ތާރީޚާއި، ބަންދުކުރާއިރު އެކައުންޓުގައި ހުންނަ ފައިސާއާމެދު ޢަމަލުކުރާނެ ގޮތެއް.
  • ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި، ޚަރަދުކުރުމާއި، އަދި ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި ޢަމަލުކުރަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  • ފަންޑު އެކައުންޓުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު، މި ގަވާއިދުގެ 15.02 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ތައްޔާރުކޮށް އެ ފަންޑެއްގެ ބައިވެރިންނަށް ފެންނަގޮތަށް އާންމުކުރަންވާނެއެވެ.

  • ފަންޑު ހުޅުވުމަށް ހުށަހަޅަންޖެހޭ "ފަންޑް ސްޓޭޓްމަންޓް" މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެ މަތީން ތައްޔާރުކޮށް ފޮނުވަންވާނެއެވެ.