ދައުލަތުގެ މުދާ

11.18 މުދާ ބަލައިގަތުމާއި، ކަމުނުދާ މުދާ އަނބުރާ ފޮނުވާލުމާއި، މުދަލުގެ ބަދަލު ހޯދުން
  • ސްޓޮކަށް ނުވަތަ އެތަނަކަށް މުދާ ބަލައިގަންނަންވާނީ އޯޑަރުކުރި ގޮތާ އެއްގޮތަށް ތަކެތި ހަމައަށް ހުރިތޯ ޗެކުކޮށް ބަލާފައެވެ. ތަކެތި ބަލައިގަތްފަހުން ބަލައިގަނެވުނު ތަކެތީގެ ތެރޭގައި އޯޑަރުކުރި ފޯމުގައިވާ ފެންވަރަށްވުރެ ފެންވަރުދަށް ތަކެތި ހުރިކަން ފާހަގަކުރެވިއްޖެނަމަ، ނުވަތަ އޯޑަރުކުރި އެއްޗަކާ ތަފާތު އެއްޗެއް ނުވަތަ ގެއްލުން ލިބިފައިވާ އެއްޗެއް ވާނަމަ، އެ ތަކެތި ވިއްކި ފަރާތަށް ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަނބުރައި ފޮނުވާލަންވާނެއެވެ. މިގޮތުން އަނބުރައި ފޮނުވާލާ ތަކެތި ވިއްކި ފަރާތާ ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ.

  • އަނބުރާ ފޮނުވި ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި އަނބުރާ ހޯދައި ސްޓޮކްބާކީގައި ރިކޯޑުކުރަންވާނެއެވެ. އަނބުރައި ފޮނުވި ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި އެ އަދަދަށް ނުލިބޭނަމަ، އެ މުދަލަށް ފައިސާ ދައްކާނީ ބިލު ބަދަލުކުރުވުމަށްފަހު، އެ އޮފީހަކަށް ތަކެތި ލިބުނު އަދަދުގެ މައްޗަށް އަގުކުރުމަށްފަހު، އެފަރާތަކަށް ދައްކަންޖެހޭ އަދަދަކަށެވެ.