އަހަރީ މާލީހިސާބުތަކާއި އަހަރީ ރިޕޯޓު އަދި އެކައުންޓިންގ ސްޓޭންޑަރޑްސް

15.01 ދައުލަތުގެ އޮފީސްތަކުގެ އަހަރީ ރިޕޯޓު
  • ދައުލަތުގެ އޮފީސްތަކުގެ މާލީޒިންމާދާރުވެރިޔާ، ކޮންމެ މާލީއަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނައިގެން އަހަރީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން މާލީއަހަރުގެ ހިސާބު ނިންމުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި، އެކަންތައްތައް ނިންމަންޖެހޭ ތާރީޚްތައް MG/BC19 ފޯމުގައި ބަޔާންކުރެވިފައި ވާނެއެވެ. އަހަރީ ރިޕޯޓް ތައްޔާރު ކުރަންޖެހޭ ގޮތުގެ ނަމޫނާ ފޯމްތައް ކޮންމެ މާލީ އަހަރެއް ނިމުމުގެކުރިން މިނިސްޓްރީއިން 'މާލީ ހިސާބު ނިންމުމާއިގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ގުޅޭ' ސާކިއުލަރގައި ޝާއިރުކުރާނެއެވެ.

    1. ނިމުނު މާލީއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ އޮފީހަކުން ލަފާކުރި އާމްދަނީއާއި ޚަރަދުގެ ހިސާބު.
    2. މާލީއަހަރުގެ ތެރޭގައި އެ އޮފީހަކަށް ލިބުނު އާމްދަނީއާއި ހިނގި ޚަރަދުގެ ހިސާބު.
    3. މާލީއަހަރުގެ ތެރޭގައި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓު.
  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މާލީއަހަރުގެ ތެރޭގައި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރުމުގައި، އެ އޮފީހަކަށް ބޭނުންވާ މަޢުލޫމާތުގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސްގައި ހުރި މަޢުލޫމާތު މާލީއަހަރު ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއިން އެ އޮފީހަކަށް ފޮނުވަންވާނެއެވެ.

  • އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި، އެ އޮފީހެއްގެ މާލީހިސާބުތަކުގެ އިތުރުން ތިރީގައިމިވާ ބައިތައް ހިމަނަންވާނެއެވެ.

    1. ދައުލަތުގެ އޮފީހުގެ ޤާނޫނީ އޮނިގަނޑު އަދި އެ އޮފީހަކާ ގުޅޭ ޤާނޫނުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުންތަކާއި އެފަދަ އެހެނިހެން ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، އެ އޮފީހެއްގެ ސިޔާސަތުގެ ލަނޑުދަނޑިތަކާއި މަޤުޞަދު ހާސިލުވެވުނީ ކިހާވަރަކަށްކަން، އަދި އެ އޮފީހަކުން އެ އަމާޒަށް ވާސިލުވުމަށްޓަކައި ޚަރަދުކޮށްފައިވަނީ ބޭނުންތެރި އަދި ހަރުދަނާ ގޮތެއްގައިކަން.
    2. ދައުލަތުގެ އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި، ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންތައްތަކާއި ނުކުރެވިހުރި ކަންތައްތަކުގެ ތަފުސީލު.
    3. އިދާރީ އޮނިގަނޑު. (އޯގަނައިޒޭޝަން ޗާޓާއި، ފަންކްޝަނަލް ޗާޓް އަދި ޑިޕާޓްމަންޓްތަކާއި، ޑިވިޜަންތަކާއި، ސެކްޝަންތަކާއި، ޔުނިޓްތަކުގެ މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
    4. ޝާއިޢުކޮށްފައިވާ ލިޔުންތައް. (އާންމުންނަށް ފޯރުކޮށްދެވިފައިވާ ކަމާބެހޭ ކޮންމެ ލިޔުމަކާ ގުޅޭ ތަފުސީލު)
    5. އަގު ހެދުމުގެ ސިޔާސަތުތައް. (ބޭނުންވެއްޖެ ހިނދެއްގައި، ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގުނަގާ ގޮތުގެ ސިޔާސަތުތައް)
    6. ކެޕިޓަލް މަޝްރޫޢުތަކުގެ ތަފުސީލު. (އެ އަހަރެއްގެ ބަޖެޓުގައި ހިމެނިގެންނާއި ބަޖެޓުގައި ނުހިމެނި ހިންގުނު މަޝްރޫޢުތަކުގެ ތަފުސީލު)
    7. ސަރުކާރުގެ މަސްއޫލު އޮފީހެއްގެ މަސައްކަތްތަކާ ގުޅޭގޮތުން ހިމަނަންޖެހޭކަމަށް އެ އޮފީހަކަށް ފެންނަ އިތުރު މަޢުލޫމާތެއް ވާނަމަ، އެ މަޢުލޫމާތު.