ދައުލަތުގެ އޮފީސްތަކުން މުސާރަޝީޓް ތައްޔާރުކުރުމުގައި، މުސާރަޝީޓް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އަތުން ލިޔެގެން ތައްޔާރު ކުރެވިދާނެއެވެ. މިގޮތުން ތައްޔާރުކުރާ މުސާރަޝީޓުގައިވާ އަދަދުތައް ޚަރަދުކުރުމަށް ހުއްދަދޭ ފޮތުގައި ނުވަތަ ފައިސާ ޚަރަދުކުރުމުގެ ވައުޗަރުގައި ލިޔާއިރު މުސާރައިގެ ހުރިހާ ތަފުސީލެއް ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މުސާރަޝީޓުގައިވާ ޖުމުލަ އަދަދުތަކެވެ. މުސާރަޝީޓުގައިވާ ޖުމުލަ އަދަދުތަކާއި، ދޫކުރެވޭ ޗެކުތަކުގެ ޖުމުލަ އަދަދުތަކާ ދިމާވާންވާނެއެވެ.
މުސާރަޝީޓް ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާއާއި މުސާރަ ފައިސާ ޚަރަދުކުރުމަށް ހުއްދަދޭ ވައުޗަރު ލިޔަންވީ ގޮތުގެ ނަމޫނާ ފޯމު MG/BC12އާއި MG/BC13ގައި ވާނެއެވެ.
ދައުލަތުގެ ކޮންމެ އޮފީހެއްގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުންގެ މުސާރަޝީޓް ކޮންމެ މަހަކު ތައްޔާރުކުރަންވާނެއެވެ. މުސާރަޝީޓުގައި ކޮންމެ މުވައްޒަފެއްގެ މުސާރައިގެ ތަފުސީލާއި، ޖުމުލަ މުސާރައާއި، އެލަވަންސާއި، މުސާރައިން ކެނޑި އަދަދާއި، އެ މުވައްޒަފަކަށް ލިބެންޖެހޭ ޖުމުލަ އަދަދާއި، ތަފުސީލު އެނގެން ބޭނުންވާ އެހެން ކަމެއް ވާނަމަ އެކަމެއްވެސް ތަފުސީލުކޮށް އެނގެން އޮންނަންވާނެއެވެ. އަދި އެ މުވައްޒަފެއްގެ އެކައުންޓަށް މުސާރަފައިސާ ޖަމާކުރުމަށްފަހު އެ މުވައްޒަފަކަށް ދޭ ސްލިޕުންވެސް މި މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.
މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ތައްޔާރުކުރާ މުސާރަސްލިޕް އެ މުވައްޒަފަކަށް ލިބޭނެ އިންތިޒާމެއް އެ އޮފީހަކުން ހަމަޖައްސަންވާނެއެވެ.
ދައުލަތުގެ އޮފީސްތަކުން މުސާރަޝީޓުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނީ ފައިސާއާބެހޭ އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުންނެވެ.