ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.13 މުސްތަޤިއްލު ރިވިއު ކޮމިޓީން މައްސަލަ އަލުން ބެލުން
  • މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއް މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ނުގެންދާނަމަ، މުސްތަޤިއްލު ރިވިއު ކޮމެޓީން ކުރަންޖެހޭ ކަންތައްތައް ތިރީގައި ބަޔާމިވަންކޮށްފައި މިވަނީއެވެ.

    1. އެ މައްސަލައެއް ކޮމިޓީއަށް ހުށަހެޅުމާއެކު އެންމެ އަވަސް ފުރުސަތެއްގައި، މައްސަލަ ބަލަން ފެށުން.
    2. އެ މައްސަލައެއް ހުށަހެޅޭތާ ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމައި، ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އެންގުން.
  • ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގައި މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ތިރީގައިމިވާ ބާރުތައް ލިބިގެންވެއެވެ.

    1. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އެ ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި މަޢުލޫމާތާއި، ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ރިޕޯޓުތައް ބަލައި ޗެކުކުރުމުގެ އިޚުތިޔާރު.
    2. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމާއި، ހެކީގެގޮތުގައި ބެލެވޭ އެއްޗެއް އިތުރަށް ތަހުލީލުކޮށް ބެލުން.
    3. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އޮފީހެއްގެ މައްސަލައާ ގުޅުންހުރި ވެރިންނާއި މުވައްޒަފުންނާ ސުވާލުކޮށް މަޢުލޫމާތު ހޯދުން.
    4. ހުށަހެޅިފައިވާ މައްސަލަ ރިވިއުކޮށް ބެލުމުގައި، ރިވިއު ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި، މަޢުލޫމާތު ސާފުކޮށްދިނުމަށް ރިވިއު ކޮމިޓީއަށް މައްސަލަ ހުށަހެޅި ފަރާތް ހާޒިރުވުމަށް އަންގާ އަދި މިގޮތުން ދެވޭ ފުރުޞަތުގައި އޭނާ ރިވިއު ކޮމިޓީއަށް ހާޒިރުނުވެއްޖެނަމަ، އެ މައްސަލަ އިތުރަށް ނުބަލައި ހުއްޓާލުމުގެ އިޚުތިޔާރު.
    5. ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އޮފީހެއްގެ މައްސަލައާ ގުޅުންހުރި ވެރިންނާއި މުވައްޒަފުންނާ ސުވާލުކޮށް މަޢުލޫމާތު ހޯދުން.
  • ހުށަހެޅިފައިވާ މައްސަލަ ބަލައި ނިންމުމަށްފަހު ހުށަހަޅާ ރިޕޯޓުގައި ތިރީގައިމިވާ ކަންކަން ބަޔާންކުރަންވާނެއެވެ.

    1. މައްސަލަ ދިރާސާކޮށް ބެލުމުން ފާހަގަކުރެވުނު ކަންތައްތައް.
    2. ހުށަހެޅުނު މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ގަބޫލުކުރެވިފައިވާކަން ނުވަތަ މައްސަލަ ބާޠިލުކުރެވިފައިވާކަން.
    3. މައްސަލަ ނިންމި ގޮތް.
    4. މައްސަލައާ ގުޅޭގޮތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި، އެ މައްސަލައަކާ ގުޅިގެން އަޅަން ފެންނަ ފިޔަވަޅު.