ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.10 ޗެކުގެ ބަދަލުގައި އަލުން ޗެކު ދޫކުރުން
  • ކުރިން ދޫކޮށްފައިވާ ޗެކެއްގެ ބަދަލުގައި، އަލުން ޗެކެއް ދޫކުރެވިދާނެއެވެ. އަލުން ޗެކު ދޫކުރުމުގައި ކުރިން ދޫކުރި ޗެކަށް ވެފައިވާ ގޮތް ރަނގަޅަށް ބަލައި ޗެކުކުރަންވާނެއެވެ.

  • ފައިސާ ލިބެންވާ ފަރާތާ ހަވާލުކުރެވިފައިވާ ޗެކެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އަންގައިފިނަމަ، އެ ޗެކަށް ފައިސާ ނެގުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ކުރަންވާނެއެވެ. އަދި ތިރީގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

    1. ޗެކަށް ފައިސާ ނަގާފައި ނުވާނަމަ، އެއެފަރާތަށް އަލުން އައު ޗެކެއް ދޫކުރުން.
    2. ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާނަމަ، އެ ފައިސާ އަލުން ދޫކޮށްދެވެން ނެތްކަން ޗެކު ލިބެންވީ ފަރާތަށް އެންގުން.
  • ދޫކޮށްފައިވާ ޗެކެއް ފައިސާ ލިބެންވާ ފަރާތަށް ލިބިފައި ނުވާކަމަށް ބުނާނަމަ، އެ ޗެކު ކެންސަލްކުރުމަށް ވަގުތުން ބޭންކަށް އަންގަންވާނެއެވެ. އަދި ބޭންކުން އެ ފައިސާ ދޫކޮށްފައި ނުވާނަމަ، އަލުން ޗެކެއް އެފަރާތަށް ދޫކުރަންވާނެއެވެ.

  • ޗެކު ލިބެންވާ ފަރާތުން ޗެކު ލިބިފައިނުވާކަމަށް ނުވަތަ މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާކަމެއް މެދުވެރިވެއްޖެކަމަށް ބުނާއިރު، ބޭންކުން އެ ފައިސާ ދޫކޮށްފައިވާނަމަ، އެ ޗެކު ލިބިފައިނުވާކަމަށާއި، އެ ޗެކާ ހަވާލުވުމުގެ ހުއްދަ އެހެން ފަރާތަކަށް ދީފައިނުވާނެކަމަށް ޗެކު ލިބެންވާ ފަރާތުން ލިޔުމަކުން އަންގަންވާނެއެވެ. އަދި އެ ޗެކަށް ވީގޮތެއް ބަލައި، ފައިސާ ނަގާފައިވާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަންވާނެއެވެ.

  • މި މާއްދާގެ (ރ) ގައިވާ ލިޔުން ފައިނޭންޝަލް ކޮންޓްރޯލަރަށް ލިބުމުން، އެކަމުގައި ފައިސާ ލިބެންވާ ފަރާތުން އޮޅުވާލާފައިވާކަމަށް ނުފެންނަނަމަ، އަލުން ޗެކެއް ދޫކުރުމުގެ ކަންތައް ހަމަޖައްސަންވާނެއެވެ.

  • ޗެކު ލިބިފައިނުވާކަމަށް ބުނާ ފައިސާ އަލުން އަނބުރާ އެފަރާތަށް ދޭންޖެހޭނަމަ، މި ފައިސާ ޚަރަދުކުރާނީ މި ފައިސާ ކުރިންވެސް ނެގިފައިވާ އައިޓަމުންނެވެ.

  • ކުރިން ދޫކޮށްފައިވާ ޗެކުގެ ފައިސާ އެ ޗެކު ދޫކޮށްފައިވާ ބޭންކަކުން، ނުވަތަ އެފަރާތަކުން ނުވަތަ އެ ވިޔަފާރިއަކުން އަނބުރާ ހޯދަންވާނެއެވެ.