ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.21 ފައިސާ ބެހެއްޓުން
  • ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ޚަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، އަދި މިނޫންވެސް ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ ފައިސާ ބަހައްޓަންވާނީ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައެވެ. މި ގޮތަށް ބެހެއްޓޭ ފައިސާއާއި ނެގޭ ފައިސާގެ ރެކޯޑު ތިޖޫރީ ބާކީކުރާ ފޮތެއްގައި ނުވަތަ ޝީޓެއްގައި ދުވަހުން ދުވަހަށް ބަލަހައްޓަން ވާނެއެވެ. ފައިސާ ރައްކާކުރުމަށް ބަހައްޓާ މިފަދަ ތަންތަނާއި ތަކެތި ހުންނަންވާނީ އަލިފާނުން ރައްކާތެރިކުރެވޭފަދަ ގޮތަށް ތައްޔާރުކުރެވި ތަޅުލެވިފައެވެ.

  • އެދުވަހަކު ބަލައިގަންނަމުންދާ ފައިސާއާއި، އެކި ފަރާތްތަކާ ހަވާލުކުރުމަށްޓަކައި ތިޖޫރީން ނަގައި އެދުވަހު މުވައްޒަފުންގެ ހަވާލުގައި ވަތްގަނޑުގައި ބަހައްޓާފައި ހުންނަ ފައިސާވެސް، އެދުވަހުގެ ރަސްމީގަޑި ނިމޭއިރު ނުވަތަ އެދުވަހު އެތަނެއް ބަންދުކުރާއިރު ހުންނަންވާނީ މި މާއްދާގެ (ހ) ގައިވާފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައި ރައްކާކުރެވިފައެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓައި ބަންދު ދުވަސްތަކެއް އަންނަނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ބޭންކާ ވާހަކަދައްކައިގެން ބަންދުވުމުގެ ކުރިން އަންނަ އެންމެފަހު ރަސްމީ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން އެ ފައިސާ އެފަދަ ތަނެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިގޮތަށް ހަމަނުޖެހިއްޖެ ހާލަތެއްގައި ސަލާމަތީ ބާރުތަކާ މަޝްވަރާކޮށްގެން ގޮތެއް ހަމަޖައްސަންވާނެއެވެ.