ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.28 އިމްޕްރެސްޓުގެ ގޮތުގައި ފައިސާ ދޫކުރުމާއި ބެލެހެއްޓުން
  • އިމްޕްރެސްޓުގެ ގޮތުގައި ދޫކުރާ ފައިސާއަކީ، ދައުލަތުން އެކި ފަރާތްތަކަށް ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ޚަރަދުކުރުމަށް އެޑްވާންސްކޮށް ނަގައި، އެކަމަށް ޚާއްޞަ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ޚަރަދުކުރާ ފައިސާއެވެ.

  • އިމްޕްރެސްޓް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، ސްޓޭންޑިންގ އިމްޕްރެސްޓާއި ސްޕެޝަލް އިމްޕްރެސްޓެވެ. މި އިމްޕްރެސްޓް ބޭނުންކުރެވޭ ގޮތް ތިރީގައި މިވަނީއެވެ.

    1. ސްޓޭންޑިންގ އިމްޕްރެސްޓް:
      ސްޓޭންޑިންގ އިމްޕްރެސްޓަކީ، ބޭނުންވުމުން އެކިފަހަރުމަތިން އާކުރެވޭ، އަދި ބޭނުން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ލިޔުމަކުން އަންގައިފިނަމަ، ހުއްޓާލެވޭނެ ފެސިލިޓީއެކެވެ.

    2. ސްޕެޝަލް އިމްޕްރެސްޓް:
      ސްޕެޝަލް އިމްޕްރެސްޓަކީ، ވަކި ޚާއްޞަ މަޤުޞަދެއްގައި ވަކި ޚާއްޞަ ބޭނުމަކަށް ދެވޭ އެޑްވާންސް ފައިސާއެކެވެ. މިގޮތުން ދެވޭ އެޑްވާންސް ފައިސާ ދިން މަޤުޞަދު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ އެ މުއްދަތު ފާއިތުވުމުގެ ކުރިން ހާސިލުވެއްޖެނަމަ، އެ އެޑްވާންސްގެ ހިސާބުތައް އެހިސާބުން ނިންމަންވާނެއެވެ.

  • ސްޓޭންޑިންގ އިމްޕްރެސްޓަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ. މާލީޒިންމާދާރުވެރިޔާ އިމްޕްރެސްޓަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އިމްޕްރެސްޓް ބޭނުންވާ ސަބަބާއި، އިމްޕްރެސްޓަށް ޒިންމާވާނޭ މުވައްޒަފުގެ ނަމާއި މަޤާމު، އަދި ބޭނުންވާ އަދަދު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ. މިގޮތަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައި، އިމްޕްރެސްޓް ދޫކުރުން މުހިންމުކަމަށް ފައިނޭންޝަލް ކޮންޓްރޯލަރަށް ފެނިއްޖެނަމަ، ލިޔުމަކުން މިކަމަށް ހުއްދަ ދޭންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިމްޕްރެސްޓް ސިސްޓަމް ބޭނުންކޮށްގެން ހިސާބުތައް ބަލަހައްޓަންޖެހޭ ގޮތުގެ އިރުޝާދު ދޭންވާނެއެވެ. ސްޓޭންޑިންގ އިމްޕްރެސްޓް އެޑްވާންސްކޮށް ދޫކުރެވޭނީ އެކަމަށް ޢައްޔަންކޮށްފައިވާ މުވައްޒަފަކަށެވެ.

  • ސްޕެޝަލް އިމްޕްރެސްޓަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މާލީޒިންމާދާރުވެރިޔާ އިމްޕްރެސްޓަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އިމްޕްރެސްޓް ބޭނުންވާ ސަބަބާއި، އިމްޕްރެސްޓް ދޫކުރެވޭނެ މުވައްޒަފުގެ ނަމާއި މަޤާމު، ދޫކުރެވޭނެ ތާރީޚާއި، އިމްޕްރެސްޓް ހިސާބުކުރެވޭނެ، އަދި ހުއްޓާލެވޭނެކަމަށް ލަފާކުރާ ތާރީޚު ބަޔާންކުރަންވާނެއެވެ. ސްޕެޝަލް އިމްޕްރެސްޓަށް އެދެންވާނީ އެ އިމްޕްރެސްޓަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދެއް ފުރިހަމަކުރެވޭނެ އަދަދަކަށެވެ. އަދި އިމްޕްރެސްޓް ބޭނުންކުރަން ހުށަހަޅާ މުއްދަތު ވާންވާނީ، ދަތިކަމެއްނެތި އެ މަޤުޞަދު ހާސިލުކުރެވޭނެ އެންމެކުރު މުއްދަތަކަށެވެ. ސްޕެޝަލް އިމްޕްރެސްޓް އެޑްވާންސްކޮށް ދޫކުރެވޭނީ އެކަމަށް ޢައްޔަންކޮށްފައިވާ މުވައްޒަފަކަށެވެ.

  • ސްޕެޝަލް އިމްޕްރެސްޓަށް އެދި ހުށަހެޅޭ ހުށަހެޅުމަކަށް ހުއްދަދެވޭނީ، އިމްޕްރެސްޓަކާ ހަވާލުވާ މުވައްޒަފު އިމްޕްރެސްޓަށް ދޫކުރި ފައިސާގެ ތެރެއިން ޚަރަދުނުވެ ބާކީ ހުންނަ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެ ސޮއިކުރުމަށްފަހުގައެވެ.

  • ކުރިން ދޫކޮށްފައިވާ އިމްޕްރެސްޓަކަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކިވާނަމަ، އިތުރު އިމްޕްރެސްޓެއް އެ މުވައްޒަފަކަށް ދޫކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

  • ވަކި މުވައްޒަފަކާ ހަވާލުކޮށްފައިވާ ސްޕެޝަލް އިމްޕްރެސްޓުގެ ފައިސާ އެއްވެސް ހާލަތެއްގައި އެހެން މުވައްޒަފަކަށް ބަދަލެއް ނުކުރެވޭނެއެވެ. މިކަމާ ހަވާލުވެހުރި މުވައްޒަފަކަށް އެކަން ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، މި އިމްޕްރެސްޓް ވަގުތުން ހުއްޓާލަންވާނެއެވެ. އެހެން މުވައްޒަފަކަށް މި މަސައްކަތާ ހަވާލުވެވޭނީ ސްޕެޝަލް އިމްޕްރެސްޓަށް އެދި އައު ހުށަހެޅުމެއް ހުށަހަޅައިގެންނެވެ.

  • ސްޓޭންޑިންގ އިމްޕްރެސްޓާ ހަވާލުވެހުރި މުވައްޒަފު އޭނާގެ މަސްއޫލިއްޔަތު އެހެން މުވައްޒަފަކާ ހަވާލުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

    1. ސްޓޭންޑިންގ އިމްޕްރެސްޓާ ހަވާލުވެހުންނަ މުވައްޒަފު އޭނާގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރެވޭނީ، ކުރިން ބޭނުންކުރަމުން އައި ސްޓޭންޑިންގ އިމްޕްރެސްޓުގެ މަޤުޞަދަށް ބަދަލެއް ނާންނަ ގޮތަށެވެ.
    2. ސްޓޭންޑިންގ އިމްޕްރެސްޓް މުވައްޒަފުންގެ މެދުގައި ބަދަލުކުރާއިރު، ފައިނޭންޝަލް ކޮންޓްރޯލަރ ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރެވިފައިވާ "ހޭންޑިންގއޯވަރ ސެޓްފިކެޓް" ގައި ދެމުވައްޒަފުން ސޮއިކުރަންވާނެއެވެ. އަދި މި ސެޓުފިކެޓުގައި ހަވާލުކުރެވޭ އިމްޕްރެސްޓާބެހޭ ހުރިހާ މަޢުލޫމާތެއް ހުންނަންވާނެއެވެ.
  • އިމްޕްރެސްޓް އެކައުންޓުން ކުރެވޭ ޚަރަދުތަކާބެހޭ ލިޔެކިޔުން ހޯދައި ހަމަކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.

    1. އިމްޕްރެސްޓުން ކުރެވޭ ޚަރަދުތަކާބެހޭ ރަސީދު، ބިލު ނުވަތަ ވައުޗަރު ނުވަތަ އެނޫންވެސް ގުޅުންހުރި ލިޔުންތައް ހޯދައި ލިބިގަތުން.
    2. ރަސީދެއް ނުވަތަ ވައުޗަރެއް ނުލިބިއްޖެ ހާލަތެއްގައި ފައިސާ ޚަރަދުކުރެވިފައިވާ ގޮތުގެ ތަފުސީލު، އަދި ރަސީދު ލިބިފައިނުވާ ސަބަބު އެ މުވައްޒަފަކު ބަޔާންކުރުން.
    3. އިމްޕްރެސްޓެއް ހުއްޓާލާނަމަ ނުވަތަ އިމްޕްރެސްޓް އަލުން އާކުރާނަމަ، ހުރިހާ ވައުޗަރުތަކުގެ އަސްލު، އިމްޕްރެސްޓް ދޫކޮށްފައިވާ އޮފީހާ ހަވާލުކުރުން.
  • ސްޓޭންޑިންގ އިމްޕްރެސްޓް ދޫކުރި ބޭނުން ނިމުމަކަށް އަތުވެއްޖެނަމަ، ސްޓޭންޑިންގ އިމްޕްރެސްޓް ކުރިއަށް ގެންދިޔުން ވަގުތުން ހުއްޓާލެވޭނެއެވެ. އަދި ޚަރަދުނުކޮށް ހުރި ފައިސާއާއި ވައުޗަރުތައް އިމްޕްރެސްޓް ދޫކޮށްފައިވާ އޮފީހަށް ރައްދުކުރަންވާނެއެވެ.