އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.03 ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ޖަމާކުރުމާއި ދޫކުރުން
  • ދައުލަތުގެ ފައިސާގެ ތެރެއިން، ތިރީގައިމިވާ ފައިސާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

    1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި، ނުވަތަ ރާއްޖެއިން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީހަކުން ހޯދާ، ނުވަތަ އެފަދަ އޮފީހަކަށް ލިބޭ ނުވަތަ އެފަދަ އޮފީހެއްގައި ހުރި ދައުލަތުގެ ފައިސާ.
    2. ދައުލަތުގެ ބޭނުންތަކަށާއި، ދައުލަތުން ދޭ ލޯނުގެ ގޮތުގައި ދޫކުރުމަށާއި، ކެޕިޓަލް ޚަރަދުތަކަށް ދޫކުރުމަށް ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދޫކުރެވޭ ފައިސާ.
    3. ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށާއި، އެޑްވާންސް ފަންޑަށާއި، ޓްރަސްޓް ފަންޑުގައި ހިމެނޭ އެކައުންޓުތަކަށާއި، އިންޓަރެސްޓް ސަސްޕެންސް އެކައުންޓަށް ޖަމާކުރަންޖެހޭ ދައުލަތުގެ އެންމެހައި ފައިސާ.
  • މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާނުކޮށް ބަހައްޓާ ފައިސާގެ ބަދަލުގައި، އެފަދަ އޮފީސްތަކަށް ޚަރަދުކުރުމަށް ފައިސާ ފޮނުވާއިރު ފޮނުވާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޖަމާނުކޮށް ހުރި އަދަދު އުނިކޮށްފައެވެ. މިގޮތަށް އެޖަސްޓްކުރާ ފައިސާ އެ ފައިސާ އެ ފައިސާ ވައްދަންޖެހޭ ލެޖަރ އެކައުންޓަށް ވައްދައި ހިސާބުތައް ނިންމަންވާނެއެވެ.

  • އަންނަނިވި ހާލަތްތަކުގައި މެނުވީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.

    1. އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެމަތިން ޚަރަދުކުރުމަށް.
    2. ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ފައިސާ ދޫކުރުމަށް ހުއްދަކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
    3. ދައުލަތުގެ ފައިސާއިން ރިފަންޑް ދޭންޖެހޭ ފަރާތްތަކަށް ރިފަންޑް ދިނުމަށް.
  • ޚަރަދުކުރުމަށް ހުއްދަދޭ ލިޔުމެއްގެ މައްޗަށް މެނުވީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން، ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.