ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.13 ދައުލަތުގެ އޮފީސްތަކުގެ ބިޑްކޮމިޓީތައް އުފެއްދުމާއި، ކޮމިޓީ އެކުލެވިގެންވާ ގޮތް
  • ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން މި ގަވާއިދުގައިވާ ގޮތުގެ މަތިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކުން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް ބިޑް ކޮމިޓީއެއް އުފައްދަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުގައި ބިޑްކޮމިޓީ އުފައްދައި، އެ ކޮމިޓީއަށް މެންބަރުން ޢައްޔަނު ކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ.

  • މިނިސްޓްރީއެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ދަށުން ހިނގަމުންދާ އިދާރާތަކުގައި، ބިޑްކޮމިޓީއެއް އުފެއްދުމަށް އެ މިނިސްޓްރީއެއްގެ މިނިސްޓަރަށް ނުވަތަ އެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ ހުއްދައާއެކު އެފަދަ ކޮމިޓީއެއް އެ ތަނެއްގައި އުފެއްދިދާނެއެވެ.

  • ބިޑްކޮމިޓީ އެކުލެވިގެންވަނީ، ޗެއަރޕަރސަނާއެކު 3 (ތިނެއް) މެންބަރުންނާއި 7 (ހަތެއް) މެންބަރުންނާ ދެމެދުގެ އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

  • ބިޑްކޮމިޓީއަށް ޢައްޔަނުކުރެވޭ ފަރާތްތަކަކީ، އެ ކޮމެޓީގެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ފަންނީ ހުނަރާއި މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ، ޒިންމާދާރުކަމާއެކު ކަންކަން ނިންމުމުގެ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

  • މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޝަރުޠު ހަމަވާ ފަރާތެއް އެ އޮފީހެއްގައި ނެތް ހާލަތެއްގައި، އެ ރަށެއްގައި ހިނގަމުންދާ ދައުލަތުގެ އެހެން އޮފީސްތަކުގެ މުވައްޒަފުން އެކަމަށް ޢައްޔަނު ކުރުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  • ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ސެކްޝަނެއްގެ އެއްވެސް މުވައްޒަފަކު ބިޑްކޮމިޓީގެ މެންބަރަކަށް ޢައްޔަނު ކޮށްގެން ނުވާނެއެވެ.

  • ބިޑްކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، އެ އޮފީހެއްގެ ޕްރޮކިއުމަންޓް ޔުނިޓުންނެވެ. ޕްރޮކިއުމަންޓް ޔުނިޓު އުފައްދައިފައިނުވާ އޮފީހެއްނަމަ، އެކަން ކުރާނީ، ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މުވައްޒަފުންނެވެ.

  • ބިޑްކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންގެ ރަޖިސްޓަރީއެއް މިނިސްޓްރީން އެކުލަވައިލައިފައި އޮންނަންވާނެއެވެ.