ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.12 ބީލަމުގެ މައްސަލަ އަލުން ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީ އެކުލަވާލުން
  • ބީލަމުގެ މައްސަލަތައް ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީއެއް މިނިސްޓަރު އެކުލަވައިލައި، އެ ކޮމިޓީއަށް މެންބަރުން ޢައްޔަނު ކުރަންވާނެއެވެ. މި ގަވާއިދުގެ ދަށުން ބީލަންވެރިންނާއި ސަޕްލަޔަރުން ސަސްޕެންޑް ކުރުމާއި، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބީލަމަކާ ގުޅޭގޮތުން މިނިސްޓަރު ހުށަހަޅާ މައްސަލަތައް ބެލުމަކީ މި ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

  • މި މާއްދާގެ (ހ) ގައިވާ މުސްތަޤިއްލު ރިވިއު ކޮމިޓީގައި ހިމަނަންވާނީ، ޕަބްލިކް ޕްރޮކިއުމަންޓް ނުވަތަ އެފަދަ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ، އަދި ކޮންޓްރެކްޓާގުޅޭ ފަންނީ ހުނަރާއި މަޢުލޫމާތު ލިބިފައިވުމާއެކު، ފައިސާއާބެހޭ މައްސަލައެއްގައި ކުށެއް ސާބިތުވެފައިނުވާ މީހުންނެވެ. އެ މީހަކު، މުސްތަޤިއްލު ރިވިއު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަ މުއްދަތުގައި ދައުލަތުގެ އެއްވެސް ޕްރޮކިއުމަންޓުގެ މަސައްކަތެއްގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ބައިވެރިވެގެން ނުވާނެއެވެ. އަދި މުސްތަޤިއްލު ރިވިއު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމަންޓް ޕޮލިސީގެ މަސައްކަތުގައި އުޅޭ މުވައްޒަފަކު ހިމަނައިގެން ނުވާނެއެވެ.

  • މުސްތަޤިއްލު ރިވިއު ކޮމެޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނޭ މުވައްޒަފަކު މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅަންވާނެއެވެ.

  • މުސްތަޤިއްލު ރިވިއު ކޮމެޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާ މުވައްޒަފު ހިމެނޭގޮތުން، އެ ކޮމިޓީން ބަލަމުންގެންދާ މައްސަލައާ މަޞްލަޙަތު ފުށުއަރާ (ކޮންފްލިކްޓް އޮފް އިންޓަރެސްޓް) ކަމެއް އޮތްކަން ނުވަތަ ނެތްކަން، އެ މެންބަރުން ހާމަކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.