ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.15 ފައިސާ ލިބެންވީ އަސްލު ފަރާތާ ފައިސާ ހަވާލުކުރުން
  • ޚަރަދަށް ނަގާ ފައިސާ ހަވާލުކުރަންވާނީ އެ ފައިސާއެއް ލިބެންވީ އަސްލު ފަރާތާއެވެ. އެ ފައިސާ ލިބުން ޙައްޤުވާ ފަރާތް ފިޔަވައި އެހެން ފަރާތަކާ ފައިސާ ހަވާލުކުރަންވާނީ އެ ފައިސާ ލިބެންވީ މީހާ ރަށުގައި ނެތުން، ނުވަތަ އެހެންވެސް ސަބަބަކާހުރެ އެ ފައިސާ ހަވާލުކުރަންޖެހޭ ވަގުތުގައި އެ މީހާއަށް ފައިސާއާ ހަވާލުވެވެން ނެތްނަމައެވެ. މިފަދަ ގޮތެއް ދިމާވެގެން އެ ފައިސާ އެހެން މީހަކާ ހަވާލުކުރެވޭނީ އެ މީހަކާ އެ ފައިސާ ހަވާލުކުރުމަށް އެދި ފައިސާ ލިބެންވާ އަސްލު ފަރާތުން ސޮއިކޮށް، ފިންގަރޕްރިންޓް ޖަހާފައިވާ ލިޔުމަކާއި، ފައިސާ ލިބެންވާ އަސްލު ފަރާތުގެ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ކޮޕީއެއް އޮވެގެންނެވެ.

  • އޮފީހުގެ ފައިސާއާއި ފައިސާގެ ހިސާބުތަކާ ބެހޭ އެއްވެސް މުވައްޒަފަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނަމަވެސް އެހެން މީހެއްގެ ބަދަލުގައި އޮފީހުގެ ފައިސާއެއް ހަވާލުކޮށްގެން ނުވާނެއެވެ.

  • ޚަރަދަށް ނަގާ ފައިސާ ހަވާލުކުރުމުގައި އެ ފައިސާ ބަލައިގަތް މީހާގެ ނަމާއި ސޮއި، އަދި ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއްގެ ނަންބަރު އޮންނަންވާނެއެވެ. އަދި އެ ފައިސާއެއް ލިބޭ ފަރާތަކީ ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް ހަދާ ފަރާތެއްނަމަ، ބިލު ނުވަތަ ރަސީދު ނުވަތަ އިންވޮއިސް އޮންނަންވާނެއެވެ. ތައްގަނޑު އޮންނަ ތަނެއްނަމަ، ފައިސާ ލިބުނުކަމުގެ ތައްގަނޑާއި ފައިސާ ބަލައިގަތް ތާރީޚު ޖަހާފައި އޮންނަންވާނެއެވެ. ޑައިރެކްޓް ކްރެޑިޓަކުން ފައިސާ ދެއްކިނަމަ ޑައިރެކްޓް ކްރެޑިޓުގެ ރިފަރެންސާއި، ޗެކަކުން ފައިސާ ދެއްކިނަމަ ޗެކު ނަންބަރު އެނގެން އޮންނަންވާނެއެވެ.

  • އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ. އެފަރާތުން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ދައްކާނީ އެކަމުގައި ޒިންމާވާ ފަރާތުން ނުވަތަ ފަރާތްތަކުންނެވެ.