ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.52 ކޮންޓްރެކްޓް ހަވާލުކުރުން
  • ކޮންޓްރެކްޓް ހަވާލުކުރެވޭނެ ގޮތް، ކޮންމެ ދަޢުވަތު ކަރުދާހެއްގައިވެސް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން ދަޢުވަތު ކަރުދާހުގައި ހިމެނެންޖެހޭނެ ބައިތައް ތިރީގައި މިވަނީއެވެ.

    1. ލިޔުމުން ތައްޔާރުކުރެވިފައިވާ އެއްބަސްވުމެއް އޮތުން.
    2. ގަބޫލުކުރިކަމުގެ ސިޓީ ޓެންޑަރކުރި ފަރާތަށް ނުވަތަ ޓެންޑަރ ހުށަހެޅި ފަރާތުގެ އެޑްރެހަށް ރައްދުކުރެވޭނެކަން ބަޔާންކުރެވިފައި އޮތުން.
  • އެއްބަސްވުމުގެ ލިޔުން، ޕަރޗޭސް އޯޑަރ، ގަބޫލުކުރިކަމުގެ ސިޓީ ނުވަތަ މުޢާމަލާތުކުރެވޭނެ އެހެން ވަސީލަތަކުން ނަމަވެސް މިފަދަ ކަމެއް ތިރީގައިވާ ހާލަތުގެ ކުރިން އަންގައިގެން ނުވާނެއެވެ.

    1. މި ގަވާއިދުގެ 10.17 ވަނަ މާއްދާގައިވާ ފަދައިން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން.
    2. ޕްރޮކިއުމަންޓުގެ އިދާރީ ކަންތައްތައް އަލުން ބަލަން ނުޖެހޭނެކަން ޔަގީންވުން.
    3. އެއްބަސްވުމުގައިވާ ފައިސާ ލިބޭނެކަން ޔަގީންވުން.
    4. އެހެން ފަރާތެއްގެ ހުއްދަ ބޭނުންވާ ކަމެއްނަމަ، އެ ހުއްދަ ލިބުން.
  • ކޮންޓްރެކްޓަކާ ބެހޭގޮތުން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރަންވާނީ، އެ ކޮންޓްރެކްޓުގެ ސިފައާއި، ޝަރުޠުތައް ހިމެނޭގޮތަށެވެ.

  • މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާހުގައި ނުވަތަ ދަޢުވަތު ކަރުދާހުގައި، ޓެންޑަރ ކާމިޔާބުވުމުން އަންނާނެ ބަދަލުތަކަށާއި، ދެފަރާތުން ވާހަކަދެއްކުމުން އަންނަ ބަދަލުތަކަށް ބަލަންވާނެއެވެ.

  • މަސައްކަތުގެ އަގު، ނުވަތަ ޚިދުމަތުގެ އަގު، ނުވަތަ ތަކެތީގެ އަގު، މި ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުވަންވާނީ، އެ ކަމެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. އަދި މި ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ކުދި މަސައްކަތް ކުރުވަންވާނީ އެ ކަމެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

  • ދައުލަތުން ކުރަންޖެހޭ މަސައްކަތް ނުވަތަ ހޯދާ ޚިދުމަތް ނުވަތަ ހޯދަންޖެހޭ ތަކެތީގެ އަގު، މި ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުނަމަ، އެ މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ނުވަތަ ތަކެތި ހޯދުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ، އެ މަސައްކަތެއް ކުރުވުމާ ބެހޭގޮތުން ނުވަތަ އެ ޚިދުމަތެއް ނުވަތަ އެ ތަކެތި ހޯދުމާ ބެހޭގޮތުން މި މާއްދާގެ (ކ) އާއި (އ) ގައިވާ ގޮތަށް ވެވޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައެވެ.

  • މި މާއްދާގެ (ޅ) ގައިވާ އެއްބަސްވުން ތައްޔާރުކުރުމުގައި، މި ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ އަގަށްވުރެ ދަށުގެ އަގަކަށް މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ނުވަތަ ތަކެތި ހޯދުމަށް ވެވޭ އެއްބަސްވުމެއްނަމަ، އެފަދަ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.

    1. މަސައްކަތްކުރާ ފަރާތް ނުވަތަ ޚިދުމަތްދޭ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުގެ ނަން.
    2. އެ ކަމެއްގެ ބާވަތާއި، ތަފުސީލު.
    3. އެއްބަސްވެފައިވާ މުއްދަތު.
    4. އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް.
    5. ބޭނުންވާ ތަކެތި ހޯދައިދިނުމުގައި އެއްބަސްވެފައިވާ ގޮތް.
    6. ނިންމަންވީ ގޮތާއި ފެންވަރު.
    7. އެއްބަސްވުމުގެ މާއްދާއަކާ ޚިލާފުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް.
    8. އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތް.
    9. އެކަށީގެންވާ އަވަސްމިނެއްގައި ކުރިޔަށް ނުދާނަމަ، އަޅާނެ ފިޔަވަޅު.
    10. ވަކި ކަމަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނަމަ، އެ ކަމެއް ބަޔާންކުރުން.
    11. އަގާއި، އަގު އަދާކުރާނެ ގޮތް.
    12. ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހޯދާނަމަ، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ތަފުސީލާއި، އެ ސެކިއުރިޓީ ނުވަތަ ގެރެންޓީ ދޭ ފަރާތާއި ލިބޭ ފަރާތުގެ ތަފުސީލު.
  • މި މާއްދާގެ (ޅ) ގައިވާ އެއްބަސްވުން ތައްޔާރުކުރުމުގައި، މި ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ އަގަށްވުރެ ބޮޑު އަގަކަށް މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ނުވަތަ ތަކެތި ހޯދުމަށް ވެވޭ އެއްބަސްވުމެއްނަމަ، އެފަދަ އެއްބަސްވުމެއްގައި، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ނުކުތާތަކުގެ އިތުރުން، ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.

    1. ރިޓެންޝަން ފައިސާ ކަނޑާނެ ގޮތާއި، ފައިސާ ބަހައްޓާނެ މުއްދަތު.
    2. އެޑްވާންސްގެ ގޮތުގައި ފައިސާދޭނެ ގޮތާއި، އެ ފައިސާ އަގުން ކަނޑާނެ ގޮތް.
  • ދައުލަތުގެ ތަންތަނަށް ބޭނުންވާ ޚިދުމަތްތައް ހޯދުމުގައި، އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން ނުވަތަ އެ ޚިދުމަތެއް މެދުނުކެނޑި ގެންދެވޭނެ ވަގުތު އޮއްވައި އެފަދަ ޚިދުމަތް ހޯދުމަށް އަލުން އިޢުލާންކުރަންވާނެއެވެ.