ބަޖެޓް ދޫކުރުމާއި، ޚަރަދުކުރުމަށް ހުއްދަދިނުން

4.10 ކުއްލި ހާލަތާއި، އެ ހާލަތެއް ދިމާވުމާ ގުޅިގެން ޚަރަދުކުރުމަށް ފައިސާ ހޯދުން
  • ޤުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެގެން ނުވަތަ އެނޫން ކަމެއް ދިމާވެގެންނަމަވެސް ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ނެރޭ ޤަރާރުގައި، އެ ނުރައްކަލަކާ ގުޅިގެން އަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅައި ހިންގުމަށް މާލީގޮތުން ޚަރަދެއް ކުރަންޖެހޭނަމަ، އެ ކަމަކާމެދު ފިޔަވަޅު އަޅައި ހިންގުމަށް ޒިންމާވާ އިދާރާއަކުން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެތެރޭގައި އެކަމަށް ހިނގާނެ ޚަރަދުގެ އަންދާޒާ ބަޖެޓެއް ތައްޔާރުކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ބަޖެޓަށް ދޫކުރެވޭ ފައިސާއިން ކުރާ ޚަރަދުގެ އިތުރަށް، ފައިސާއެއް ޚަރަދުކުރަންވާނީ އެ އިދާރާއަކަށް އެ އަހަރަކަށް ކަނޑައެޅުނު ބަޖެޓުގައި އެފަދަ ޚަރަދެއް ކުރުމަށް ފައިސާ ކަނޑައެޅިފައިހުރެ، އެ ފައިސާ ޚަރަދުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ދީފައިވާނަމައެވެ.

  • ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށްފަހު އެ ޤަރާރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަށާއި ހިންގުމަށް ޒިންމާވާ އިދާރާއަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނުގޮތަށް ބަޖެޓް ހުށަހެޅުމާ ދެމެދު ޚަރަދެއްކުރަންޖެހޭނަމަ، އެ ޚަރަދެއް ކުރަންވާނީ، އެ އިދާރާއެއް ހިންގަން ހަވާލުވެހުރި އެންމެ އިސްވެރިއަކު މިނިސްޓަރަށް އަނގަބަހުން ނުވަތަ ފޯނުން އަންގައި، މިނިސްޓަރު އެކަމަކަށް އެ ވަގުތު ޚަރަދުކުރުމަށް ހުއްދަކުރާ އަދަދަކަށްވުރެ ބޮޑުނުވާ މިންވަރަކަށެވެ. މިގޮތުން ފޯނުން ހުއްދަކުރެވޭ އަދަދު އެގޮތަށް ހުއްދަކުރެވުނުކަމުގެ ލިޔެކިޔުން، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.

  • ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމާ ގުޅިގެން ކުރަންޖެހޭ ޚަރަދު ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށެވެ. ހާލަތާއި ވަގުތު ނިޔާކުރާގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ދަތިވާ ހާލަތްތަކުގައްޔާއި ވަގުތުތަކުގައި އެނޫން ގޮތަކަށް ޢަމަލުކުރަންވާނީ އެ އިދާރާއެއް ހިންގަން ހަވާލުވެހުރި އެންމެ އިސްވެރިއަކު މިނިސްޓަރާ ގުޅައި އެކަމަށް މިނިސްޓަރު ދޭ ހުއްދައާ އެއްގޮތަށެވެ. މިގޮތުން ހުއްދަކުރެވޭ ކަންކަމުގެ ލިޔެކިޔުން، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ އޮފީހަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.

  • ކުއްލި ނުރައްކަލެއް (ޤުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް) ކުރިމަތިވެދާނެކަމަށް ތައްޔާރުވެ ތިބެންޖެހޭ އިދާރާތަކުން، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަކަށް ބޭނުންކުރަންޖެހިދާނެ ތަކެތީގެ ސްޓޮކެއް ބަހައްޓައި އެތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މި ސްޓޮކްގެ އިންވެންޓްރީއެއް ބަލަހައްޓަންވާނެއެވެ. މިގޮތުން ބަހައްޓާ ސްޓޮކްގެ ތެރެއިން ބަހައްޓާފައިހުރެ ދުވަސްވުމުގެ ސަބަބުންނާއި، ހަލާކުވުމުގެ ސަބަބުންނާއި، އަދި މުއްދަތު ހަމަވެގެން ބޭނުންނުކުރެވޭނެތީ ކުރިޔަށް އޮންނަ އަހަރު ބަދަލުކުރަންޖެހޭނެ ތަކެތި ހޯދުމަށް، އެ އިދާރާއަކުން ކުރިޔަށް އޮންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނަންވާނެއެވެ. އިސްވެ ބުނެވުނު ގޮތުގެމަތިން ބަދަލުކުރަންޖެހޭ ތަކެތީގެ ތެރެއިން ވިއްކައިލެވޭ ކަހަލަ ތަކެތި ނީލަމުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާ ޖަމާކުރާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

  • ކުރިއަށް ލަފާކުރަން އެނގޭ ވައްތަރުގެ ކަންތައްތަކާއި (މިސާލަކަށް: ޢިމާރާތެއް ބައުވެގެން މަރާމާތުކުރުން ނުވަތަ ޢިމާރާތެއް އެއްގޮތަކަށްވެސް ބޭނުންނުކުރެވޭވަރުވެގެން އެހެން ޢިމާރާތެއް ހޯދުމުގެ ކަންތައްފަދަ ކަންތައްތަކާއި) ފާއިތުވި ދުވަސްތަކުގައި ކަންތައްތައް ހިނގާފައިވާގޮތަށް ބަލައި ކުރިން ހިނގާފައިވާ ހާދިސާއެއް ތަކުރާރުވުމުގެ ފުރުޞަތު ބޮޑުކޮށް އޮންނަ ބާވަތުގެ ކަންތައްތަކަށް (މިސާލަކަށް: ރަށްރަށަށް އުދައެރުމާ ގުޅިގެން އެކަމަށް ދައުލަތުން ޚަރަދުކުރަންޖެހޭނަމަ އެފަދަ ކަންކަމަށް، ނުވަތަ ބައެއް ރަށްރަށުން ބޯފެން ހުސްވެގެން އެ ރަށްރަށަށް ދައުލަތުން ބޯފެން ގެންގޮސްދޭންޖެހޭނަމަ އެފަދަ ކަންކަމަށް) ފައިސާ ޚަރަދުކުރަން ޖެހިދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަންކަމަށް ހިނގާނެ ޚަރަދު އޮންނަންވާނީ އެ އޮފީހެއްގެ ބަޖެޓުގައި ހިމަނާފައެވެ. މިގޮތުން ބަޖެޓުގައި ފައިސާ ނުހިމަނައިއޮވެ މިފަދަ ކަމަކަށް ފައިސާ ހޯދުމަށް އެދޭއެދުން އެއީ ކުއްލިއަކަށް ދިމާވި ހާދިސާއަކަށް ޚަރަދުކުރުމަށް ފައިސާ ހޯދުމަށް އެދުނު އެދުމެއްކަމަކަށް ނުބެލެވޭނެއެވެ.