ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.59 މުދާ ގަތުން
  • ރާއްޖެއަށް އެތެރެކުރަންޖެހޭ މުދާ ގަންނަންވާނީ، އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ. ތަކެތި ގަތުމުގައި އެއްޗެއް ވަކިން ގަންނަ އަގުގައި ގިނަ އަދަދެއްގެ ތަކެތި ގަނެގެން ނުވާނެއެވެ. މިގޮތުން ޑަޒަން، ކޭސް، ގުރުސް ނުވަތަ ބަސްތާއިން ހަމަކޮށް ނުވަތަ އެއަށްވުރެ އިތުރަށް ގަންނަނަމަ ގަންނަންވާނީ އެތަނަކުން ގަނޑުކޮށް ވިއްކާ އަގުންނެވެ.

  • ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި އެ ތަނަކުން އޯޑަރުކޮށްގެން ގަންނަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްގެ މަޝްވަރާގެ މަތިން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  • ދައުލަތުގެ ތަނެއްގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ގެންނަ އެއްވެސް އެއްޗެއް، އެ ތަނަކަށް ގަނެވޭނީ ނުވަތަ އެފަދަ ދަތުރެއްގައި އެ މުވައްޒަފަކު ލައްވައި އެއްޗެއް ގެނުވަން ވާނީ، ތިރީގައިމިވާ ހާލަތްތަކުގައި މާލީޒިންމާދާރުވެރިޔާގެ ހުއްދަ ކުރިން ހޯދައިގެންނެވެ.

    1. އެ އެއްޗެއް ރާއްޖެއިން ލިބެން ނެތުން.
    2. އެ އެއްޗެއް ރާއްޖެއިން ބޭރުން ލިބޭ އަގަކީ އެކަށީގެންވާ އަގަކަށްވުން.
    3. އެ އެއްޗެއް މި ގަވާއިދުގެ ދަށުން ހޯދާނަމަ، އެކަށީގެންވާވަރަށްވުރެ ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން އެ އޮފީހަކުން ދެމުންދާ ޚިދުމަތެއް ހުއްޓިދާނެކަމަށް ފެނުން.