ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.07 ފައިސާއާބެހޭ ފޮތްތަކާއި ލިޔުންތައް ބެލެހެއްޓުމާއި ފައިލުކުރުން
  • ފައިސާއާބެހޭ ފޮތްތައް ބަލަހައްޓާނީ އެކައުންޓްސް އޮފިސަރު ނުވަތަ އެ މަސައްކަތާ ހަވާލުވެހުރި މުވައްޒަފެކެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އެ އޮފީހަކުން ހަދަންޖެހޭ ހުރިހާ ރިޕޯޓުތަކެއް ހެދުމުގެ ޒިންމާ އުފުލަންޖެހޭނީ، އެކައުންޓްސް އޮފިސަރު ނުވަތަ އެ މަސައްކަތެއް ހަވާލުކޮށްފައިވާ މުވައްޒަފެކެވެ.

  • ފައިސާއާބެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި، ފައިސާއާބެހޭ ލިޔުންތައް ފައިލުކުރުމުގެ ސިސްޓަމެއް ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން މަދުވެގެން ތިރީގައިވާ ފައިލުތައް ތައްޔާރުކޮށް، ލިޔުންތައް ފައިލުކުރަމުން ގެންދަންވާނެއެވެ.

    1. ފައިސާ ނުދައްކައިހުރި ބިލުތައް

    ފައިސާ ނުދެއްކިހުރި ބިލުތައް ފައިލުކުރާ ފައިލުގައި ބަހައްޓާނީ ފައިސާ ޚަރަދުކުރުމުގެ ވައުޗަރު ހަދާފައި، ނަމަވެސް ފައިސާ ނުދައްކައިހުރި ބިލުތަކެވެ. މި ފައިލު ކްރެޑިޓަރުންގެ ނަމަށް ނުވަތަ މުދާ ދޫކުރި ފަރާތްތަކުގެ ނަމަށް ބަލާފައި ނުވަތަ ތާރީޚު ތަރުތީބުން ފައިލުކުރުމަކީ އޮޅުންކުޑަވާނެ ކަމެކެވެ.

    1. ފައިސާ ދައްކާފައިހުރި ބިލުތައް

    މި ފައިލުގައި ފައިލުކުރާނީ ފައިސާ ދައްކާފައިވާ ބިލުތައް އޭގެ ޚަރަދު ވައުޗަރު ނަންބަރު ތަރުތީބުންނެވެ. ވައުޗަރާއެކު ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާ ބެހޭ ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުންނަންވާނެއެވެ. ފައިލުކުރާއިރު ވައުޗަރާއެކު ތިރީގައިވާ ލިޔުންތައް އެއްކޮށްފައި ހުންނަންވާނެއެވެ.

    • މުދާ ގަންނަން އެދޭ ފޯމު
    • މުދަލަށް އޯޑަރުކުރާ ފޯމު
    • އިންވޮއިސް / ބިލު
    • ޕޭމަންޓް ވައުޗަރު
    • އެ ޚަރަދަކާ ގުޅޭގޮތުން ކޮންމެހެން ހުންނަންޖެހޭ ލިޔުންތައް
    1. ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާ ބެހޭ ފޯމުތަކުގެ ފައިލު މި ފައިލާ ހަވާލުވެ ހުންނަންޖެހޭނީ ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ނުވަތަ މާލީޒިންމާދާރުވެރިޔާއެވެ. އަދި މި ފޯމުގައިވާ ހުރިހާ ގޮޅިތަކެއް ފުރިހަމަވުމުން ފައިލުކުރުމަށް ކަމާބެހޭ މުވައްޒަފަކާ ފޯމު ހަވާލުކުރަންވާނެއެވެ. ކޮންމެ ވައުޗަރެއް ފައިލުކުރެވޭއިރު މި ފޯމު ފުރިހަމަކުރުމަށްފަހު ޕްރިންސިޕަލް އެކައުންޓްސް އޮފިސަރު ނުވަތަ މާލީޒިންމާދާރުވެރިޔާއާ ހަވާލުކުރަންވާނެއެވެ. މި ފޯމު ފައިލުކުރާނީ ފޯމުގެ ތަރުތީބު ނަންބަރުންނެވެ.