ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.53 ހޮވުނު ފަރާތް ޝާއިޢުކުރުމާއި، ޕްރޮކިއުމަންޓުގައި ބައިވެރިވި ބީލަންވެރިންނަށް މަޢުލޫމާތު ދިނުން
  • ދައުލަތުގެ އޮފީސްތަކުން ހަވާލުކުރާ ބީލަންތައް އާންމުކޮށް ޝާއިޢުކުރަންވާނެއެވެ. ޝާއިޢުކުރާނީ ތިރީގައިމިވާ ގޮތަކުންކުރެ ގޮތަކަށެވެ.

    1. ދައުލަތުން މިފަދަ ކަންތައްތައް ޝާއިޢުކުރުމަށް ކަނޑައަޅާފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި.
    2. އެ އޮފީހެއްގެ ނޯޓިސްބޯޑުގައި ނުވަތަ އެކަމަށް ޚާއްޞަކުރެވިފައިވާ ތަނެއްގައި ބަހައްޓައިގެން.
  • ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން، ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، އެ ބީލަން ކާމިޔާބުކުރީ ކޮން ފަރާތެއްކަމާއި، ކާމިޔާބު ނުވާ ފަރާތްތަކަކީ ކޮބައިކަން އަންގަންވާނެއެވެ. މިގޮތުން އަންގާ އެންގުމާ ވިދިގެން ބީލަން ކާމިޔާބު ނުވި ފަރާތްތަކަށް 5 (ފަހެއް) ދުވަހުގެ މުއްދަތެއް، ބީލަމާ ގުޅުންހުރި މައްސަލަ ހުށަހެޅުމަށް ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅާ ފަރާތުން އެދިއްޖެ ހިނދެއްގައި ބީލަން ކާމިޔާބު ނުވި ސަބަބު އަންގައިދޭންވާނެއެވެ. ބީލަން ކާމިޔާބުކުރި ފަރާތާއެކު ކޮންޓްރެކްޓުގައި ސޮއިކުރަންވާނީ، ބީލަން ކާމިޔާބުނުވި ފަރާތްތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަހަޅާ މައްސަލަތައް ބަލައި، ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހުގައެވެ.