މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ އެހެންވެސް ބޭންކަކަށް ފައިސާ ޖަމާކޮށްފިނަމަ، އެ ފައިސާ ޖަމާކުރި އޮފީހަކުން އެ ފައިސާގެ ހިސާބު ބަލަހައްޓައި، އެކައުންޓު ބާކީ ފޮތުގައި ލިޔެގެން ނުވަތަ ކޮމްޕިއުޓަރ ޝީޓުގައި ހިސާބުތައް ހިމަނައިގެން، އެ ހިސާބުތައް MG/RV05 ގައިވާ ގޮތުގެ މަތިން ބަލަހައްޓަމުން ގެންދަންވާނެއެވެ.
ކޮންމެ މަހެއް ނިމުމުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުން ދައްކާ ބާކީއާއި އޮފީހުގެ ހިސާބުތަކުން ދައްކާ ބާކީއަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު ބޭންކް ސްޓޭޓްމަންޓެއް ގެނުވައި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.
ކޮންމެ މަހެއް ފެށުމާއެކު، ކުރީމަހުގެ ރިކޮންސިލިއޭޝަން ސްޓޭޓުމަންޓްގައިވާ ގޮތުން، ބޭންކް އެކައުންޓު ބަލަހައްޓާ ފޮތުގައި ހިމަނަންޖެހޭ އަދަދުތައް ހިމަނައި، އަދި އެކައުންޓުން އުނިކުރަންޖެހޭ އަދަދުތައް އުނިކޮށް ބޭންކް އެކައުންޓުގެ ހިސާބުތައް ދިމާކުރަންވާނެއެވެ.
މާލޭގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރާ ފައިސާގެ ހިސާބު ދިމާކުރުމަށްޓަކައި ވޭތުވެދިޔަ މަހުގެ ހިސާބު، ހިނގާ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިން އޮފީސްތަކަށް ފޮނުވުމުން ނުވަތަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް އެ މަޢުލޫމާތު ފޯރުކޮށްދިނުމުން ރިކޮންސައިލްކޮށް ސްޓޭޓްމަންޓެއް ތައްޔާރުކުރަންވާނެއެވެ.
މާލެ ފިޔަވައި އެހެނިހެން ތަންތާނގައި ހިނގަމުންދާ ދައުލަތުގެ އޮފީސްތަކުން ބޭންކުތަކުގައި ހުޅުވައިގެން ބަލަހައްޓާ އެކައުންޓުތަކަށް ޖަމާކުރާ ފައިސާގެ ހިސާބު ދިމާކުރުމަށްޓަކައި މަހަކު އެއްފަހަރު ބޭންކުތަކުން މަޢުލޫމާތު ހޯދައިގެން ރިކޮންސައިލްކޮށް ސްޓޭޓްމަންޓެއް ތައްޔާރުކުރަންވާނެއެވެ.