މުވައްޒަފުންގެ މާލީޒިންމާ، ބާރު އަދި މަސްއޫލިއްޔަތު

2.02 މާލީޒިންމާދާރުވެރިން ޢައްޔަންކުރުމާއި ވަކިކުރުން
  • ދައުލަތުގެ އޮފީސްތަކުގެ މާލީޒިންމާދާރުވެރިން ކަނޑައަޅާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

    1. ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ މާލީޒިންމާދާރުވެރިން ޢައްޔަންކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ.
    2. ދައުލަތުގެ މުސްތަޤިއްލު އޮފީސްތަކުގެ މާލީޒިންމާދާރުވެރިން ޢައްޔަންކުރާނީ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރެވެ.
  • މާލީ ޒިންމާދާރުވެރިންގެ ޝަރުޠުތައް

    1. އެއްވެސް އިރެއްގައި ޚިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
    2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ، ދައުލަތުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މި ގަވާއިދުގައިވާ ގޮތުގެމަތިން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނެ މީހަކު ޢައްޔަންކުރެވިފައި ނެތް ހާލަތެއް ދިމާވެއްޖެނަމަ، ވަގުތީގޮތުން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ކަނޑައަޅާނީ، އެ ތަނެއްގެ އެންމެ އިސްވެރިޔާގެ މަޝްވަރާގެ މަތިން މިނިސްޓަރެވެ.

  • ދައުލަތުގެ އޮފީހެއް ނުވަތަ ކައުންސިލެއްގެ މާލީޒިންމާދާރުވެރިޔާގެ ގޮތުގައި ޢައްޔަންކޮށްފައިވާ މީހަކު، އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުން ވަކިކުރެވޭނީ ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން މިނިސްޓަރެވެ.

    1. ޖިނާއީ ކުށެއް އެ މީހެއްގެ މައްޗަށް ސާބިތުވުން، ނުވަތަ އެ ފަދަ ކުށެއްގައި ތަޙްޤީޤެއް ފެށި، އެ މީހަކީ މި މަޤާމުގެ ޒިންމާ އަދާކުރެވޭނޭ ފަދަ މީހަކުކަމުގައި މިނިސްޓަރަށް ނުފެނުން.
    2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، މި ގަވާއިދުގައިވާ ގޮތުގެމަތިން މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ނާޤާބިލުވުން.
    3. މާލީޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރެވޭ ފަދަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން.
    4. ދައުލަތުގެ އޮފީހެއްގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އޮފީހުގައި އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބަދަލުވުން.
    5. އެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުން ވަކިވާން އެދި އަމިއްލައަށް ހުށަހެޅުން.
    6. އޮފީހުގައި އެ މީހަކު އަދާކުރާ ވަޒީފާއިން ވަކިވުން.