ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.21 ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ބަލަހައްޓާ އޮފީސްތަކުގެ މަސައްކަތްތައް
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ދައުލަތުގެ އޮފީސްތަކުން ތިރީގައިމިވާ ކަންތައްތައް ކުރަންވާނެއެވެ.

    1. އެކަމަކާ ގުޅުންހުރި ވަކިވަކި ޕްރޮކިއުމަންޓް ޕްލޭންތައް ތައްޔާރުކުރުން.
    2. ޕްރޮކިއުމަންޓުގެ ކަންތައްތަކަށް ބޭނުންވާ ރިކުއަރމަންޓް ތައްޔާރުކުރުން، އަދި ރިކުއަރމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބެންހުރި ދައުލަތުގެ އޮފީސްތަކުން އެ މަޢުލޫމާތު ހޯދުން.
    3. ޕްރޮކިއުމަންޓުގެ މަސައްކަތް މި ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިޔުން.
    4. ބީލަން ކަރުދާސް އެކުލަވައިލުމާއި، އިޢުލާނު އެކުލަވައިލުމާއި، ޝޯޓްލިސްޓްކުރާނަމަ ޝޯޓްލިސްޓު ކުރުން.
    5. ބިޑް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމާއި، ބިޑް އިވެލުއޭޝަން ރިޕޯޓު އެކުލަވައިލުމާއި، ކޮންޓްރެކްޓް ހަވާލުކުރާނޭ ފަރާތެއް ހޮވުމުގައި އެ އޮފީހެއްގެ ފަންނީ މުވައްޒަފުން ބައިވެރިކުރުމާއި، އެ މުވައްޒަފުންގެ ލަފާ ހޯދުން.
    6. މަސައްކަތުގެ އެއްބަސްވުން (ކޮންޓްރެކްޓް) ތައްޔާރުކުރުމާއި، އެއްބަސްވުމަށް ގެންނަންޖެހޭ އިޞްލާޙު ގެނައުން.
    7. ޕްރޮކިއުމަންޓާބެހޭ ރިޕޯޓެއް ތައްޔާރުކުރަންޖެހޭނަމަ، އެ ރިޕޯޓެއް ތައްޔާރުކުރުން.
    8. ބިޑްކޮމިޓީގެ މަސައްކަތްތައް ކުރުން ނުވަތަ ކުރިއަށް ގެންދިޔުން.
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި ފަންނީއެހީ ހޯދަންވާނީ އެކަމަކަށް އެކަށީގެންވާ ޤާބިލު ފަރާތަކުންނެވެ. އެފަރާތަކީ ޕްރޮކިއުމަންޓުގެ މަސައްކަތް ހަވާލުކުރެވިފައިވާ ދައުލަތުގެ އޮފީހަކުން ނުވަތަ ޕްރޮކިއުމަންޓުގެ މަސައްކަތަށް އެދޭ ދައުލަތުގެ އޮފީހަކުން ނުވަތަ ބޭނުންވެއްޖެ ހާލަތެއްގައި ބޭރުން ޢައްޔަންކުރެވޭ ފަރާތެކެވެ. ފަންނީއެހީ ފޯރުކޮށްދޭ ފަރާތުގެ ފެންވަރު ކަނޑައަޅާނީ ޕްރޮކިއުމަންޓުގެ މަސައްކަތުގެ ބާވަތަށާއި، ދަތި އުނދަގޫ މިނަށް ބަލައިގެންނެވެ. އެފަދަ ފަންނީ އެހީތެރިކަން ހޯދުމަށް ބޭނުންވާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

    1. ރިކުއަރމަންޓް ސްޓޭޓްމަންޓް ތައްޔާރުކުރުމަށް.
    2. ޕްރީ-ބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބުދާރީވުމަށާއި، ބީލަމަކާ ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކޮށްދިނުމަށް.
    3. ބިޑް ދިރާސާކުރުމުގައި ފަންނީ ކަންކަން ވަޒަންކުރުމަށް.
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ވަކި އޮފީހަކުން ނުވަތަ މިނިސްޓްރީ އޮފް ފިނޭންސްގެ އެކަމަށް ހެދިފައިވާ ސެކްޝަނަކުން ދައުލަތުގެ އެހެން އޮފީހެއްގެ ބޭނުމަށް ޕްރޮކިއުމަންޓުގެ މަސައްކަތެއް ކުރިޔަށް ގެންދަންވާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. ޕްރޮކިއުމަންޓުގެ ހުރިހާ މަރުޙަލާއެއްގައިވެސް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި އެކަމަކަށް އެދިފައިވާ ދައުލަތުގެ އޮފީހާ ގުޅިގެން ކުރުން.
    2. ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް އެދިފައިވާ ދައުލަތުގެ އޮފީހުން ލިބެންހުރި ފަންނީއެހީއާއި ލަފާ ހޯދުން.
    3. ބިޑް ދިރާސާކުރުމުގައި ޕްރޮކިއުމަންޓުގެ ކަންތައްތަކަށް އެދިފައިވާ ދައުލަތުގެ އޮފީސް ނުވަތަ އެ ޚިދުމަތް ނުވަތަ ހޯދާ ތަކެތި ބޭނުންކުރާ އޮފީސް ތަމްސީލުކުރާނޭ ފަރާތެއް ބައިވެރިކުރުން.
  • ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ އާންމު ބޭނުމަށް މަރުކަޒީ އުސޫލުން ގަނެވޭ ތަކެތި ގަތުމުގައި ނުވަތަ މަސައްކަތް ކުރުވުމުގައި މި މާއްދާގެ (ނ) އިސްތިސްނާވާނެއެވެ. މިގޮތުން ތަކެތި ގަތުމުގައި ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

    1. ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ އާންމު ބޭނުމަށް ހޯދަންޖެހޭ ތަކެއްޗާއި ކުރުވާ މަސައްކަތް، ނުވަތަ ވަކި ކަމަކަށް ބޭނުންވާ މަސައްކަތް ކުރުވުމާއި ތަކެތި ހޯދުމުގެ މަސައްކަތް ވަކި އޮފީހަކަށް ނުވަތަ އޮފީސްތަކަށް ސަރކިއުލަރއަކުން މިނިސްޓަރަށް ހަވާލުކުރެވިދާނެއެވެ.
    2. އާންމުކޮށް ބޭނުންވާ ތަކެއްޗާއި، އާންމުކޮށް ކުރުވަންޖެހޭ މަސައްކަތް ކުރުވުމަށް ވަކި އޮފީހަކާ ހަވާލުކޮށްފައި ނުވާނަމަ، އެތަކެއްޗާއި މަސައްކަތް އެ އޮފީހަކުން ކުރިޔަށް ގެންދަންވާނީ މި ބާބުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.
    3. އާންމުކޮށް ބޭނުންކުރެވޭ ތަކެތިކަމުގައި ބެލެވޭނީ ދައުލަތުގެ އެއްއޮފީހަކަށްވުރެ ގިނަ އޮފީސްތަކަކުން ބޭނުންކުރާ ތަކެއްޗާއި، ކުރުވާ މަސައްކަތާއި، ހޯދަންޖެހޭ ޚިދުމަތަށެވެ.
  • ދައުލަތަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި މަސައްކަތާއި ޚިދުމަތް ހޯދުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ އޮފީހަކުން އާންމުކޮށް ބޭނުންވާ ތަކެއްޗާއި މަސައްކަތާއި ޚިދުމަތް ހޯދުމުގައި، ދިގު މުއްދަތުގެ ކޮންޓްރެކްޓް (ފްރޭމްވަރކް އެގްރީމެންޓް) ނުވަތަ އެކަމަކަށް އެކަށީގެންވާ އެހެން ބާވަތްތަކުގެ އެގްރީމެންޓް ހެދިދާނެއެވެ.