ދައުލަތުގެ އޮފީސްތަކުން، ރާއްޖެއަށް ލިބޭނެ ފައިދާގެ މައްޗަށް ބިނާކޮށް ބީލަންތައް ވަޒަންކުރާނަމަ، ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ޚިދުމަތް ހޯދުމުގައި، ބީލަމުގައި ބައިވެރިވާ ދިވެހި ފަރާތްތަކަށް އިސްކަންދެވިދާނެއެވެ.
ދިވެހިންނަށް އިސްކަންދޭ ބީލަންތަކުގައި އިސްކަންދޭ މިންގަނޑު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، ސަރކިއުލަރތަކާއި، އިރުޝާދުތަކުގައި ހިމަނަންޖެހޭ ބައިތައް ތިރީގައި މިވަނީއެވެ.
- ބީލަމަށް ހުށަހެޅޭ މުދަލުގެ މިލްކުވެރިކަމާއި، ބީލަންވެރިޔާ ހުރި ތަނާއި، މަސައްކަތްކުރާ މީހުން ނިސްބަތްވާ ޤައުމާއި، އެކަމަށް ބޭނުންވާ ރޯމެޓީރިއަލްސް ނުވަތަ އެ މުދާ އުފައްދާ ތަނާއި، ބީލަމުގައި އެކުލެވޭ އެހެން ބައިތައް، އަދި އިތުރު އެއްބަސްވުމެއް ވެވޭނެ މިންގަނޑު، ނުވަތަ ރާއްޖޭގެ އިތުރު ޕާޓްނަރުންނާ ގުޅިގެން ކުރާ ކަމެއްނަމަ އެކަމެއް، ނުވަތަ ގުޅުންހުރި އެހެނިހެން ކަންކަން.
- ހެތްކެއްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް.
- ދިވެހިންނަށް އިސްކަންދޭ ނިސްބަތް، އެ ބީލަމަކަށް ހުށަހެޅޭ އަގުތަކުގެ ތެރެއިން ކޮލިފައިވާ އެންމެ ކުޑަ އަގުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ އިތުރުނުވުން.
- ބީލަން ވަޒަންކުރުމުގެ މަރުޙަލާގައި، އިސްކަންދޭ މިންގަނޑު ކަނޑައަޅައި ހިސާބުކުރުމުގައި ބޭނުންކުރާނެ ގޮތްތައް.
މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައިވާ ތަފުސީލު، ބީލަން ކަރުދާހުގައި ސާފުކޮށް ބަޔާންކުރެވިފައި އޮތުމާއެކު، ބީލަމާބެހޭ ކުރު ޚުލާޞާގައި ނުވަތަ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައަޅާފައިވާ ލިޔުމުގައި އެ ތަފުސީލު އޮންނަންވާނެއެވެ.
އިސްކަންދޭ މިންގަނޑު ދަރަޖަކޮށް މަސައްކަތް ހަވާލުކުރުމުގައި ބަލަންވާނީ، ސަރުކާރުން ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންނާ އެއްމިންގަނޑަކަށެވެ.