ދައުލަތުގެ އޮފީސްތަކުން މާލެއިން އަތޮޅުތަކަށް އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ އިދާރާއަކުންނެވެ. ނުވަތަ ދަތުރަކު ދާން ބޭނުންވާ ރަށެއް ހިމެނޭ ސަރަހައްދެއްގެ ސިޓީކައުންސިލް ނުވަތަ އަތޮޅުކައުންސިލް ނުވަތަ ރަށުކައުންސިލްގެ އިދާރާ ނުވަތަ އެ ރަށެއްގައި ހުންނަ ދައުލަތުގެ އޮފީހަކަށް ނިސްބަތްވާ އޮފީހެއް މެދުވެރިކޮށްގެންނެވެ. މިގޮތަށް އިންތިޒާމު ހަމަނުޖެއްސިއްޖެ ހާލަތްތަކުގައި ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ އޮފީހަކުންނެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތަށް ހުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި، މާލެއިން އަތޮޅުތަކުގެ ރަށްރަށަށް، އަދި މާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކަށް ހުރުމުގެ ޚަރަދު ދޫކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓަކަށެވެ.
އަތޮޅުތަކުގެ ރަށްރަށުން މާލެއަށް ކުރާ ދަތުރުތަކުގައި ހުރުމުގެ ޚަރަދު ދޫކުރަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓަކަށެވެ.
ޓޫރިސްޓް ރިސޯޓް ނުވަތަ ޓޫރިސްޓް ހޮޓާފަދަ ތަނެއްގައި މީހަކު ބަހައްޓަން ބޭނުންވެއްޖެނަމަ، ނުވަތަ ދައުލަތުގެ އިއްޒަތްތެރިއަކު އެފަދަ ތަނެއްގައި ހުންނަން ބޭނުންވެއްޖެނަމަ، އެކަންކުރަންވާނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާއި އެއްގޮތަށެވެ.
ދަތުރުމަތީގައި ރަށެއްގައި ރޭކުރަންޖެހޭނަމަ، މި މާއްދާގައިވާ ގޮތުގެމަތިން ރެޔަކާދުވާލަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ޚަރަދު ހަމަޖައްސައިދެވިދާނެއެވެ. އަދި އެ ދަތުރެއްގެ މަތީގައި ރަށެއްގައި ރޭކުރަން ނުޖެހުނުނަމަވެސް، އެއްރަށެއްގައި ހޭދަކުރަންޖެހޭ ވަގުތު 12 (ބާރަ) ގަޑިއިރަށްވުރެ އިތުރުވާނަމަ، ރެޔަކާދުވާލަށް ދިނުމަށް ހަމަޖެހިފައިވާ ރޭޓުން ހުރުމުގެ ޚަރަދު ހަމަޖެއްސިދާނެއެވެ.
ދައުލަތުގެ އުޅަނދުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ އުޅަނދެއްގައި ކުރާ ރަސްމީ ދަތުރުތަކުގައި ވަޒީފާގެ ހައިސިއްޔަތުން ހޭދަކުރާ ދުވަސްތަކަށް މި މާއްދާގައިވާ ގޮތުގެމަތިން ހުރުމުގެ ޚަރަދު ހަމަޖެއްސޭނީ، އެ އުޅަނދެއްގައި ނިދުމާއި ފާޚާނާކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާނަމައެވެ.