ބަޖެޓް ތައްޔާރުކުރުމަށްޓަކައި އެ އޮފީހަކުން ބޭނުންވާ މުވައްޒަފުންނާބެހޭ މަޢުލޫމާތުޝީޓް، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެމަތިން، އެ އޮފީހެއްގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނުން ތައްޔާރުކޮށް ބަޖެޓް ހަދާ ސެކްޝަނަށް ހުށަހަޅަންވާނެއެވެ. މި ޝީޓް ތައްޔާރުކުރާނީ މުވައްޒަފުންނާބެހޭ ތިރީގައިމިވާ މަޢުލޫމާތު ހިމަނައިގެންނެވެ.
- މަޤާމުގެ ނަމާއި ނަންބަރު.
- މަޤާމު އޮތީ ހުސްކޮށްކަން، ނުވަތަ އެ މަޤާމުގައި މީހަކު ހުރިކަން. (މަޤާމުގައި މީހަކު ހުރިނަމަ، އެ މީހެއްގެ ނަމާއި އެޑްރެސް، ޚިދުމަތުގެ ރިކޯޑުކާޑު ނަންބަރު، އުފަންތާރީޚު، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަންވާނެއެވެ.)
- މަޤާމުގެ މުސާރައިން އަހަރަކަށްޖެހޭ ޖުމުލަ އަދަދު.
- މަޤާމަށް އެލަވަންސެއް ކަނޑައެޅިފައިވާނަމަ، އެ އެލަވަންސްގެ ގޮތުގައި އަހަރަކަށްޖެހޭ ޖުމުލަ އަދަދު.
- މުސާރައިގެ ކުރިއެރުން ލިބެންޖެހޭ މަޤާމުތަކާއި، ތާރީޚާއި، އަދަދު.
ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާއިރު، މުވައްޒަފުންނަށް ހިނގާ ޚަރަދު ލަފާކުރާނީ މި މާއްދާގެ (ހ) ގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި އާންމު ގޮތެއްގައި ވަޒީފާގެ ކުރިއެރުން ދެވެމުންދާ ގޮތާއި، ދޭންޖެހޭ އަދަދާއި، އަދި އެތަނެއްގައި އިތުރު ޚިދުމަތެއް ދިނުމަށް ރޭވިފައިވާނަމަ އެކަމަކާއި، އެކަމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދާއި، އެކަމަށް ބޭނުންވާނެ ފައިސާގެ ޖުމުލަ އަދަދު، އަދި އިތުރު މަޤާމުތަކެއް އުފައްދައި މުވައްޒަފުން އިތުރުކުރުމަށް ރާވާފައިވާނަމަ އެ މަޢުލޫމާތާއި، އެކަމަށް ބޭނުންވާނެ ފައިސާގެ ޖުމުލަ އަދަދު އެނގެން އޮންނަންވާނެއެވެ.
ކޮންމެހެން މަޤާމެއް އުފައްދަންޖެހިއްޖެނަމަ ނުވަތަ ބަޖެޓުގައި ނެތް އެއްޗެއް މުވައްޒަފުންނަށް ދޭންޖެހިއްޖެނަމަ، އެކަން ކުރަންވާނީ އެ އިދާރާއެއްގެ މުސާރަ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭނެނަމަ، މިނިސްޓްރީ އޮފް ފިނޭންސްއަށް އެކަމުގެ ސަބަބު ބަޔާންކޮށް ލިޔެ ހުއްދަ ހޯދުމަށްފަހުއެވެ.
ދައުލަތުގެ ކޮންމެ އޮފީހެއްގައިވެސް އެތަނުގެ ފަރާތުން މުސާރަދެވޭ ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީ އޮންނަންވާނީ ކޮންމެ މުވައްޒަފެއްގެ މަޤާމަށާއި މުސާރައަށް އަންނަ ބަދަލުތައް އެނގޭނޭ ގޮތަށެވެ. މި ރަޖިސްޓަރީގައި ތިރީގައިވާ މަޢުލޫމާތު ހުންނަންވާނެއެވެ.
- މުވައްޒަފުގެ ނަމާއި އެޑްރެސް
- މުވައްޒަފުގެ ޚިދުމަތުގެ ރިކޯޑު ކާޑު ނަންބަރު
- މުވައްޒަފުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު
- މުވައްޒަފުގެ މަޤާމާއި ކްލެސިފިކޭޝަން
- މުވައްޒަފުގެ މަޤާމުގެ ނަންބަރު
- މުވައްޒަފަށް ވަޒީފާ ދިން ޗިޓުގެ ނަންބަރާއި ތާރީޚު
- މުސާރަ
- އެލަވަންސްތައް
- އިތުރު މަޢުލޫމާތު
ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ އޮންނަންވީ ގޮތުގެ ނަމޫނާ MG/BC10ގައި ވާނެއެވެ.