ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.03 ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރުން
  • ދައުލަތުން ލޯނުގެ ގޮތުގައި ފައިސާ ދޫކުރަންވާނީ، ލޯނު ދޫކުރުމަށް ބޭނުންވާ ފައިސާ ޤާނޫނީ ހަމަތަކުގެމަތިން ލިބެން ހުރުމާއެކު، އެފަދަ ލޯނެއް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިނުމުން، މި މާއްދާގެ (ށ) ގައިވާ މަޞްލަޙަތު ހިމެނިގެންވާ ދައުލަތުގެ ބޭނުންތަކަށެވެ.

  • މި މާއްދާގެ (ހ) ގައި "ދައުލަތުގެ ބޭނުންތައް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަޞްލަޙަތުތައް ހިމެނިގެންވާ ބޭނުންތަކަށެވެ.

    1. މުޅި މުޖުތަމަޢަށް ނުވަތަ މުޖުތަމަޢުގެ ބޮޑުބަޔަކަށް އެކަމުން ލިބޭނެ މަންފާއެއް އޮތުން.
    2. އެކަމަކީ، ސަރުކާރަކަށްވީތީ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވުން.
    3. އެކަމެއް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ވަކި ފަރުދެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުން ކަމުގައި ބެލެވޭ ކަމެއްކަމުގައި ނުވުން.
    4. އެކަމަކީ، އާންމު ޞިއްޙަތާއި، އާންމު ރައްކާތެރިކަމާއި، އާންމު މަޞްލަޙަތާއި، އަމަންއަމާންކަމާއި، ޤައުމުގެ ކުރިއެރުމާއި، ޤައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާ ކަމަކަށްވުން.
  • ދައުލަތުން ލޯނު ދޫކުރަންވާނީ، އާންމުކުރެވިފައިވާ ހަމަހަމަ އުސޫލެއްގެ މަތިން ކަނޑައެޅޭ ސިޔާސަތެއްގެ ދަށުންނެވެ. ދައުލަތުން ދޫކޮށްފައިވާ ލޯނެއް މާފުކޮށްދެވޭނެ ހާލަތްތައް މި ސިޔާސަތުގައި ކަނޑައަޅަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ބޭނުންތަކަށް އެއްވެސް ފަރާތަކުން ދައުލަތުން ލޯނަކަށް އެދޭނަމަ، އެދެންވާނީ އެކަމަށް އެދި ލިޔުމަކުން މިނިސްޓަރަށެވެ. މިގޮތުން ލޯނު ހޯދުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ލޯނު ނަގާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު.
    2. ލޯނު ނެގުމަށް ބޭނުންވާ ސަބަބު.
    3. ލޯނުގެ ގޮތުގައި ބޭނުންވާ ފައިސާގެ އަދަދު.
    4. ލޯނު އަނބުރާ ދައްކަން ހުށަހަޅާ މުއްދަތު.
    5. ލޯނު އަނބުރާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ޝެޑިއުލް)
    6. ލޯނު ފައިސާއިން ކުރާ ބޭނުމުގެ ސަބަބުން މުޖުތަމަޢަށް ކުރާނެ ފައިދާ.
    7. ލޯނު ނެގުމުގައި ހިނގާ ޚަރަދުތަކުގެ ތަފުސީލު.
    8. ލޯނަށް އެދޭ ފަރާތުން ހުށަހަޅާ ސެކިއުރިޓީގެ ތަފުސީލު.
    9. ލޯނަށް އެދޭ ފަރާތަށް އެހެން ފަރާތެއްގެ ގެރެންޓީއެއް ދޭނަމަ، އެފަރާތުން ދޭ ގެރެންޓީގެ މަޢުލޫމާތު.
    10. ލޯނު ނެގުމަށް އެ އޮފީހަކުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ.
    11. މީގެ އިތުރުންވެސް މިނިސްޓްރީ އޮފް ފިނޭންސްއަށް ބޭނުންވާ އިތުރު މަޢުލޫމާތު.
  • ދައުލަތުން ދޫކުރާ ލޯނުތަކުގެ ތަފުސީލު، "ލޯން އިންވެސްޓްމަންޓް ރަޖިސްޓަރީ" އެއް، މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ލޯނުގެ ރިފަރެންސް ނަންބަރު.
    2. ލޯނު ނަގާ ފަރާތުގެ ނަމާއި އެޑްރެސް.
    3. ލޯނަށް ދޫކުރި ފައިސާގެ އަދަދާއި ފައިސާގެ ބާވަތް، އަދި ލޯނު ނެގުމުގައި ހިނގާ އެހެނިހެން ޚަރަދުތައް.
    4. ލޯނު ދޫކުރި ތާރީޚު.
    5. ލޯނުގެ ބާވަތް ނުވަތަ ބޭނުން.
    6. ލޯނުގެ ސެކިއުރިޓީގެ ތަފުސީލު.
    7. ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި ގެރެންޓީދީފައިވާ ފަރާތް.
    8. ލޯނުގެ އިންޓަރެސްޓް ރޭޓާއި، އިންޓަރެސްޓް މުއްދަތު ހަމަވާ ތާރީޚުތައް.
    9. ލޯނުގެ ގްރޭސް ޕީރިއަޑާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު.
    10. ލޯނު އަނބުރާ ދައްކާނެ ގޮތުގެ ތާވަލު (ރިޕޭމަންޓް ޝެޑިއުލް)
    11. ލޯނުގެ މުއްދަތު ހަމަވާ ތާރީޚު
    12. ލޯނު ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދިން ރިފަރެންސް ނަންބަރު.
    13. ލޯނާބެހޭ ލިޔުންތައް ބެހެއްޓިފައިވާ ތަން.
  • ލޯނުތަކުގެ އިދާރީ ކަންކަން ދައުލަތުގެ އޮފީސްތަކުން ބަލަހައްޓާގޮތަށް ދޫކުރާ ދައުލަތުގެ ލޯނުތަކާއި، ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ދޫކުރާ ދައުލަތުގެ ލޯނުތަކުގެ ވޭތުވެދިޔަ މަހުގެ މަޢުލޫމާތުތައް ހިނގާ މީލާދީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިން ހޯދަންވާނެއެވެ. އަދި މިގޮތުން ހޯދާ މަޢުލޫމާތުތައް މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ލޯނު އިންވެސްޓްމަންޓް ރަޖިސްޓަރީގައި ބަލަހައްޓަންވާނެއެވެ.

  • ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ދައުލަތުން ލޯނު ދޫކުރުމަށް ސޮއިކުރާ އެއްބަސްވުންތަކާއި، އެމް.އޯ.ޔޫ ("މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިންގް")ތައް ލިޔެފައި ހުންނަންވާނީ މި ގަވާއިދުގައި ބަޔާންކުރާ އިދާރީ އިންތިޒާމުތަކަށް މަގުފަހިވާނެ ގޮތެއްގެމަތިންނެވެ.