އެކި ފަރާތްތަކުގައި އެދިގެން ހޯދާ ކޯޓޭޝަންތައް އިވެލުއޭޓްކުރުމުގައި، ތިރީގައިމިވާ ކަންތައްތަކަށް ބަލަންވާނެއެވެ.
- އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ފެންވަރަށާއި ހުށަހެޅިފައިވާ އަގުގެ މައްޗަށް ބަލައި، އެންމެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހުށަހެޅުމެއް ހޮވުމުގައި މި ދެބައިގެ ބުރަދަނަށް ބެލުން.
- އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ފެންވަރަށް ބަލައި، އެންމެ ފެންވަރު ރަނގަޅު ހުށަހެޅުމަށް ބެލުން.
- ކަނޑައެޅިފައިވާ ބަޖެޓަށް ބަލައިގެން އިވެލުއޭޓްކުރުމުގައި، ޕްރޮޕޯސަލްގެ ފެންވަރަށާއި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ބަޖެޓަށް ފެތޭ ފަރާތް ހޮވުން.
- އެންމެކުޑަ އަގަށް ބަލައިގެން އިވެލުއޭޓްކުރުމުގައި، އެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ދައުލަތުގެ އޮފީހުގެ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތް ހޮވުން.
މި މާއްދާގެ (ނ)، (ރ) އަދި (ބ) ގައިވާ ހާލަތްތައް ފިޔަވައި، އެކި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކުރަންވާނީ، ފެންވަރަށާއި އަގަށް ބަލައިގެން އެކަމެއް ހަވާލުކުރާނެ ފަރާތެއް ހޮވުމަށެވެ.
މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފެންވަރަށް ބަލައިގެން ވަކި ފަރާތެއް ހޮވާނީ ތިރީގައިމިވާ ހާލަތްތަކުގައެވެ.
- ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކުރުމުގައި ބޭނުންވާ ކަންތައްތައް ކަނޑައެޅިގެން ބުނެދިނުމަށް ދަތިވުން ނުވަތަ އުނދަގޫވުން. އަދި އެކަމަކީ ފަންނީގޮތުން ވަރަށް ޚާއްޞަ ހުނަރުތަކެއް ބޭނުންވާ ކަމަކަށްވުމާއި، ބީލަން ހުށަހަޅާ ފަރާތުން އެކަމަކަށް ބޭނުންވާ އައު އުފެއްދުންތަކާއި އީޖާދުތައްފަދަ ކަންތައްތައް ހުށަހެޅުމަށް ދޫކޮށްލުން ބޮޑަށް ރަނގަޅުވާނޭކަމަށް ފެންނަ ކަމެއް ކަމުގައިވުން.
- ކުރަން ބޭނުންވާ ކަމަކީ އެކަމުގެ ބާވަތުން މުޅި މަސައްކަތަށް އޭގެ އަސަރުކޮށްފާނޭ ކަމަކަށްވެފައި، ދައުލަތުގެ އޮފީހަކުން އެކަމެއް ހަވާލުކުރުމަށް ބޭނުންވަނީ އެންމެ ފެންވަރު ރަނގަޅު ފަރާތަކާ ކަމުގައިވުން.
- އެކަމަކީ ތަފާތު އެތައް ގޮތަކަށް ކުރެވިދާނެ އަދި އެކަމެއް ކުރާ ފެންވަރަކުން އަގަށް ބަދަލު އަންނަފަދަ ކަމަކަށްވުން.
މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ބަޖެޓަށް ބަލައިގެން ވަކި ފަރާތެއް ހޮވަންވާނީ، ކަނޑައެޅިފައިވާ ބަޖެޓަށް ފައްތައިގެން އެކަމެއް ކުރުވުމަށާއި، ފަސޭހައިން ކުރެވޭފަދަ އަދި އެކަމެއް ކުރުމަށްޓަކައި ދުރާލާ ވަކި ބަޖެޓެއް ކަނޑައެޅިފައިވާ ކަންތައްތަކުގައެވެ.
މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެންމެ ކުޑަ އަގަށް ބަލައިގެން ވަކި ފަރާތެއް ހޮވަންވާނީ، ފަސޭހައިން ކުރެވޭ ކުދިކުދި މަސައްކަތްތަކަށާއި، އެކަމެއް ކުރުމަށް ވަކި ފެންވަރެއް ނުވަތަ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ އަދި އާދަވެގެން އެފަދަ ކަންތައްތައް ކުރާނެ ގޮތްތަކާއި ހަމަތައް ކަނޑައެޅިފައިވާ ކަންތައްތަކުގައެވެ.