މި ގަވާއިދުގައި ޢިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު މި ގަވާއިދުގައި ބޭނުންކޮށްފައިވާ ބަސްބަހާއި ޢިބާރާތްތައް މާނަކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.
"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުޢާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކުރެވިފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކުރެވިފައިވާ ނުވަތަ ރިކޯޑުކުރެވިގެން ނުވަތަ ލިޔުމެއްގެ ސިފައިގައި ނުވަތަ ޗާޕުކުރެވިގެން ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓޭ ރިކޯޑެވެ. މި މާނައިގައި ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ޚުލާޞާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުން ހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.
"ޚަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓްކުރެވިގެން ކުރެވޭ ހޭދައަށާއި، އަދި އެނޫންވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. ޚަރަދުގެ މާނައިގައި އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއެއް ނުހިމެނޭނެއެވެ.
"ޚާއްޞަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 10 ވަނަ މާއްދާއާއި މި ގަވާއިދުގެ 6.23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.
"ބޭންކް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި ހިންގާ ބޭންކްތަކާއި ނުވަތަ މާލީ އިދާރާތަކާއި އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ރާއްޖެއިން ބޭރުގެ ބޭންކްތަކެވެ.
"ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރެވޭ އާމްދަނީއަށް ބަލައިގެން ޚަރަދުކުރުމަށް ތައްޔާކުރެވޭ ޕްލޭނަށެވެ.
"ބަޖެޓަރީ ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އަހަރީ ބަޖެޓް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއިން ގެންގުޅޭ ކޮންޓްރޯލްތަކަށެވެ.
"ބިޔަ މަޝްރޫޢު (މެގަ ޕްރޮޖެކްޓް)" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން އެ މަޝްރޫޢަކީ ބިޔަ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަޝްރޫޢުތަކަށެވެ.
"ކޮންޓްރެކްޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތަކާއި، ހޯދޭ ޚިދުމަތްތަކާއި، ގަނެވޭ ތަކެއްޗާބެހޭ އެންމެހައި ކަންތައްތައް ކުރުމުގައި، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތައް ނުވަތަ އެގްރީމެންޓްތައް ހިމެނޭ ގޮތަށެވެ.
"ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދޭ ޚިދުމަތްތައް ލިބިދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވޭ ފަރާތަށެވެ.
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށުކައުންސިލާއި އަތޮޅުކައުންސިލާއި ސިޓީކައުންސިލަށް ނިސްބަތްކޮށެވެ.
"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.
"ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 17.03 ވަނަ މާއްދާގެ ދަށުން އުފައްދާ މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއާއި، މި ގަވާއިދުގެ އެހެނިހެން މާއްދާތަކުގައި ބަޔާންކުރެވިފައިވާ ކޮމިޓީތަކަށެވެ.
"ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.
"ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ.
"ކޮސްޓް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ހިސާބު ބެލެހެއްޓުމުގައި އެ ތަނަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް ވަކިން ބަލަހައްޓަންޖެހޭކަމަށް ބަލައި، އެ ތަނެއްގެ މަސައްކަތްތައް ބައިކުރުމަށް ބޭނުންވާ ހާލަތްތަކުގައި ބައިކުރެވޭނެ އެންމެ ދަށް ފަންތިއެވެ.
"ކެޕިޓަލް ޚަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށްޓަކައި އޭގެ ޒާތުގައި ކެޕިޓަލް ޚަރަދުތައް ހިމެނޭ މަސައްކަތްތަކާއި މަޝްރޫޢުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެ.
"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަގީންކަމަކަށެވެ.
"އެކައުންޓިންގ އޮފިސަރުންނާއި ރިސީވަރުންނާއި ކަލެކްޓަރުންނާއި ފައިސާއާބެހޭ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އެފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ކޮންމެ މަސައްކަތެއް ކުރާ ފަރާތެއް ނުވަތަ ފަރާތްތަކެވެ.
"އަންޑަރޓޭކިންގ" ކަމަށް ބުނެފައި އެވަނީ، އެއްފަރާތަކުން އަނެއް ފަރާތަކަށް ފައިސާގެ ޒިންމާ ނަގާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ.
"ޢައްޔަންކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ޒިންމާއެއް އަދާކުރުމަށް ނުވަތަ ވަކި ކަމަކަށް ނުވަތަ ވަކި ކަމެއް ކުރުމަށް ވަކި ނަމެއްގައި ނުވަތަ ވަކި މަޤާމަކަށް މީހަކު ހޮވުން ނުވަތަ ކަނޑައެޅުމަށެވެ.
"އަންދާޒާ ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކުން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅާ އަންދާޒާ ބަޖެޓަށެވެ.
"އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި މުވައްޒަފެއްކަމަށް މާނަކުރެވިފައިވާ ކޮންމެ މީހަކަށެވެ.
"އޮތޮރައިޒިންގ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ފައިސާ ޚަރަދުކުރުމަށް ހުއްދަދިނުމަށް ލިޔުންތަކުގައި ސޮއިކުރާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.
"އެސެޓްސް" ކަމަށް ބުނެފައި އެވަނީ، ދަރަނި އަދާކުރުމަށްޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގުކުރެވޭގޮތަށް ދައުލަތުގެ މިލްކުގައިވާ އެއްޗެއްސަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ.
"އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ" ކަމަށް ބުނެފައި އެވަނީ، ކުރިއަށް ދޫކުރެވޭ ފައިސާއަށެވެ.
"ވަޔަރމަންޓް" ކަމަށް ބުނެފައި އެވަނީ، ބަޖެޓުގެ އެއްއައިޓަމަކަށް ގެނެވޭ އުނިކުރުމަކާއެކު ބަޖެޓުގެ އެހެން އައިޓަމަކަށް ގެނެވޭ އިތުރުކުރުމަކަށެވެ.
"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އޭނާގެ މަސްއޫލިއްޔަތު އެހެން މިނިސްޓަރަކާ ނުވަތަ ސްޓޭޓް މިނިސްޓަރަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފިނަމަ، އެ މިނިސްޓަރަކަށެވެ.
"މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، އަދި ދައުލަތުގެ އޮފީސްތަކުން މުސާރަ ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.
"މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، 01 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.
"މާލީއިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާއިދުގައި މާލީއިދާރާއަށް ދެވިފައިވާ މާނަކުރުމަށެވެ.
"މާލިއްޔަތު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.
"މާލީޒިންމާދާރުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެ ޤާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި މިނިސްޓަރު ކަނޑައަޅާ މުވައްޒަފަކަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އެހެނިހެން އޮފީސްތަކުގެ މާލީ އުސޫލުތައް ހިންގުމަށް މި ގަވާއިދުގެ 2.04 (ހ) ގެ ނަމްބަރު 2 ގައި ބަޔާންކުރާ ގޮތުގެ މަތިން ދައުލަތުގެ އޮފީހަކުން ކަނޑައަޅާ މުވައްޒަފެކެވެ.
"ފައިނޭންޝަލް ކޮންޓްރޯލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ މީހަކަށެވެ.
"ފަރާތް" ކަމަށް ބުނެފައި އެވަނީ، މީހެއް، ނުވަތަ ކުންފުންޏެއް، ނުވަތަ ޤާނޫނީގޮތުން އުފައްދާފައިވާ އޮފީހެއް، ނުވަތަ އެނޫން ގޮތަކުންވެސް އުފައްދާފައިވާ ޖަމާޢަތެއް، ނުވަތަ ޖަމުޢިއްޔާއެއް ހިމެނޭ ގޮތަށެވެ.
"ދައުލަތުގެ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނަކުން ބާރުލިބިގެން ޓެކުހުގެ ގޮތުގައި ނެގޭ ފައިސާއާއި، ޤާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކުން ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި، ދެވޭ ޚިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، ދައުލަތުގެ މިލްކުގައިވާ ޢިމާރާތްތަކާއި ބިންބިމާއި، ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިން ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއަށެވެ.
"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނު އަސާސީއާއި ޤާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީކައުންސިލްތަކެވެ.
"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒަށާއި، އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކާއި، ވިޔަފާރި ހިންގުމަށް އުފައްދާ ބޯޑުތަކާއި، ކޮމިޝަންތަކާއި، ޖަމާޢަތްތަކާއި، ތަންތަނަށެވެ. އޭގެތެރޭގައި ޕާޓްނަރޝިޕްތަކާއި، ޖޮއިންޓް ވެންޗަރތަކާއި، ހުރިހާ ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭނެއެވެ.
"ދައުލަތުގެ މަސްއޫލު އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީސް، އަދި މާލީހިންގުމާއި މާލީޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތަކަށެވެ.
"ލަޔަބިލިޓީޒް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެ ވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް، އެ ވިޔަފާރިއަކުން ދަރާފައިވާ ދަރަންޏަށެވެ. ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ.
"ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުޢާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުޢާމަލާތް ޝަރުޠަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުޢާމަލާތެއް ހިންގުމުގައި ޝަރުޠުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުޢާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.
"ގަވާއިދު" ކަމަށް ބުނެފައި އެވަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ގެ މާނައިގައެވެ.
"ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށެވެ.
"ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ވައުޗަރު ފޮނުވައިގެން ޚަރަދުކުރުމަށް އެ މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ނިޒާމަށެވެ.
"ސެކިއުރިޓީޒް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ނުވަތަ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޒިންމާގެ ޤާނޫނުގައި މާނަކުރެވިފައިވާ ދައުލަތުގެ ވިޔަފާރި ތަނަކުން، ނުވަތަ ބޭރުގެ ސަރުކާރަކުން ނުވަތަ އެހެން ފަރާތަކުން ދޫކުރާ ސްޓޮކް، ބޮންޑް، ބިލު، ނޯޓު، ނުވަތަ ޑިބެންޗަރ، އަދި ބޭންކްތަކުން ގަބޫލުކުރާ ނުވަތަ އެންޑޯސްކޮށްފައިވާ ބިލްސް އޮފް އެކްސްޗޭންޖް، އަދި ބޭންކަކުން ދޫކުރާ ނެގޯޝިއަބަލް، ކޮންވަރޓިބަލް ނުވަތަ ޓްރާންސްފަރަބަލް ސެޓްފިކެޓްސް އޮފް ޑިޕޮޒިޓްތަކަށެވެ.
"ސެކިއުރިޓީ ޑޮކިއުމަންޓްސް" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ފައިސާ ލިބިގަތުމާއި ފައިސާ ޚަރަދުކުރުމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ފައިސާގެ ރަސީދު ފޮތްތަކާއި، ޑެބިޓްނޯޓާއި، ޕަރޗޭސްއޯޑަރާއި، ރިކުއިޒިޝަންތަކާއި، ކުރިއަށް ނަންބަރު ޖަހައިގެން (ސީރިއަލް ނަންބަރު) ވިއްކާ ލިޔެކިޔުންތަކާއި، ނުވިއްކާ ލިޔެކިޔުންތައް ހިމަނައިގެންނެވެ.
"ސްޓެޗިއުޓަރީ ޚަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ފިޔަވައި އެހެން ޤާނޫނެއްގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ކުރެވޭ ޚަރަދަށެވެ.
"ސަޕްލިމެންޓަރީ ފަންޑިންގ" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެޓް ފާސްކުރުމަށްފަހު އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އަދަދަށެވެ.
"ޝާއިޢުކުރުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އާންމުކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެން ނުވަތަ ވެބްސައިޓެއްގައި އާންމުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރެވޭ ކުރުމަށެވެ.
"ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ދަށުން ހިސާބު ބެލެހެއްޓޭ ކޮސްޓް ސެންޓަރތަކުގެ ހިސާބުތައް ޖުމުލަކުރެވޭ ފަންތިއަށެވެ. މި މާނައިގައި "ޑިޕާޓްމަންޓް" ބޭނުންކުރެވިފައިވަނީ، ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި މި ބަސް ބޭނުންކުރެވޭ މަރުޙަލާތަކުގައި އެކަންޏެވެ.
"ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީހެއްގެ ޕްރޮކިއަމެންޓް ކަންތަކާއި ޙަވާލުވެ ހުންނަވާ އެންމެ އިސް މުވައްޒަފަށެވެ.
"ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިން ޑިޕާޓްމަންޓުތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތްކުރާ ނުވަތަ ކުރުވާ ފަރާތެވެ.
"ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް (މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތް) ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފެވެ.
"ޗެއަރޕަރސަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ކޮމެޓީތަކުގެ ޗެއަރޕަރސަނަށެވެ.
"ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރޝިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހިރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަޝިޕްތަކަށެވެ.
"އަސާސީ ޚިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ދައުލަތުގެ ފަރާތުން ފޯރުވައިދިނުމަށްޓަކައި ދޭންޖެހޭ ޚިދުމަތަށެވެ.
މުފްރަދުކޮށް ގެނެސްފައިވާ ލަފްޒުތައް އެލަފްޒުތަކުގެ ޖަމްޢު މާނައިގައްޔާއި ޖަމްޢުކޮށް ގެނެސްފައިވާ ލަފްޒުތައް އެލަފްޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ. އަދި މި ގަވާއިދުގައި މާނަކޮށްދީފައިވާ ލަފްޒެއް ބަހުގެ ހަމަތަކަށާއި ވާހަކަދައްކާ އުސޫލުތަކަށް ބަދަލުވަމުންދާ ހާލަތްތަކުގައި، ލަފްޒު ބަދަލުވަމުންދާ ގޮތުގައިވެސް އެ މާނަ ދޭހަކުރެވިދާނެއެވެ.