ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.14 ދައުލަތުގެ ހަވާލުގައި ހުންނަ އަމިއްލަ މީސްމީހުންގެ ފައިސާއާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ދައުލަތުގެ ތަނެއްގައި އަމިއްލަ މީހެއްގެ ނުވަތަ ބަޔެއްގެ ފައިސާ ނުވަތަ ތަކެތި ބަހައްޓަން ޖެހިއްޖެނަމަ ބަހައްޓަންވާނީ، ރައްކާތެރިކަމާއެކު، އެތަކެތީގެ ވެރިފަރާތާ ހަވާލުކުރެވެންދެން، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހައްޓާ ފައިސާއާއި ތަކެތީގެ މަޢުލޫމާތު އޮޅުންފިލާނެގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ. އެ ލިޔުމުގައި، ތަކެތި ބެލެހެއްޓުމަށް ހަވާލުވާ މުވައްޒަފެއްގެ ނަމާއި މަޤާމު ލިޔެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިހުރި، އަމިއްލަ މީހެއްގެ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގައި އިހުމާލުވި މުވައްޒަފަކު އެކަމުގައި ޒިންމާވާންޖެހޭނެއެވެ.

  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި އަމިއްލަ ފަރާތެއްގެ ފައިސާއާއި ތަކެތި ހަވާލުކުރަން ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ނުވަތަ ވަކި ގޮތެއް ކަނޑައަޅާފައި ނެތްނަމަ، ލަސްނުކޮށް ފައިސާއާއި ތަކެތި، ވެރިފަރާތާ ހަވާލުކޮށް ސޮއިކުރުވަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހައްޓާ ތަކެތި ބެލެހެއްޓުމުގައި، އެތަކެއްޗާއި ހަވާލުވާން އެތަކެތީގެ ވެރިފަރާތުން އިއުތިރާޒް ކުރާނަމަ ނުވަތަ އެތަކެތީގެ ވެރިފަރާތަކީ ކޮބައިކަން ނޭނގޭނަމަ، އަދި އެ ތަކެއްޗަށް ގެއްލުމެއް ލިބިދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން އެ މިނިސްޓްރީން އަންގާ ގޮތެއްގެމަތިން އެތަކެތި އާންމު ނީލަމުގައި ވިއްކާލަންވާނެއެވެ. މިގޮތުން ތަކެތި ވިއްކައިގެން ލިބޭ ފައިސާ އެ މައްސަލަ ނިމެންދެން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހައްޓާ ތަކެތި ހަވާލުނުކުރެވި ގިނަދުވަސްވާނަމަ، އެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ނިންމަންވާނެއެވެ.