ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.67 އެޑްވާންސަށް ފައިސާ ދިނުން
  • މަސައްކަތުގެ އަގާއި ޚިދުމަތުގެ އަގާއި (ކޮންސަލްޓެންސީ ފިޔަވައި) ތަކެތި ގަތުމުގެ ބީލަމުގެ ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 6 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ބޮޑުނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޑްވާންސަށް ފައިސާ ދެވިދާނެއެވެ. އަދި މިފަދައިން އެޑްވާންސަށް ފައިސާ ދޫކުރެވޭނީ އެންމެ ފަހަރަކުއެވެ.

    1. މަސައްކަތް ނުވަތަ ޚިދުމަތް (ކޮންސަލްޓެންސީ ފިޔަވައި) ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރުން؛
    2. އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ހަމަވަންދެން ހުށަހަޅާ ބިލުތަކުން، އެޑްވާންސް ފައިސާ ދެވިފައިވާ ނިސްބަތަށްވުރެ މަދުނުވާނޭހެން ކެނޑުން.
  • މި މާއްދާގައި ބަޔާންކޮށްފައިވާ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެޑްވާންސަށް ފައިސާ ދޫކުރުމަށް އެދިފައިވާނަމަ، އެ ހާލަތުގައި އެޑްވާންސަށް ފައިސާ ދޫކުރެވޭނީ، މިނިސްޓަރަށް ލިޔުމުން ހުށަހަޅައި، މިނިސްޓަރުގެ ހުއްދަޔާއެކުގައެވެ.

  • އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެންނެތް މުދަލާއި ޚިދުމަތް ހޯދަންވާނީ އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަޔާއެކުގައެވެ. ނަމަވެސް، ޖަދުވަލު 1 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފައިސާގެ އަދަދު ބޮޑުނަމަ، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، އެކަމަށްޓަކައި މިނިސްޓަރުގެ ހުއްދަ ހޯދަންވާނެއެވެ.

  • މަސައްކަތް ކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުވައިދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެއެވެ. މިގޮތަށް ހޯދާ އެޑްވާންސް ޕޭމަންޓް ގެރެންޓީ ވާންޖެހޭނީ، ސަރުކާރުން ޤަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިއުޓަކުން އެ އެކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށެވެ.

  • މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގެ 10.27 ގެ (ހ) ގެ ދަށުން ހަވާލުކުރާ މަޝްރޫޢުތަކުގައި، މި މާއްދާގެ (ރ) އަށް ޢަމަލުކުރުން އިސްތިސްނާ ކުރެވޭނީ، މިނިސްޓަރަށް ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.