އެހެނިހެން މާލީކަންކަން ހިންގައި ބެލެހެއްޓުން

13.07 ޓްރަސްޓް އެކައުންޓް ހުޅުވުން
  • ދައުލަތުގެ އޮފީހަކުން ޓްރަސްޓް އެކައުންޓެއް ހުޅުވުމަށް ބޭނުންވެއްޖެނަމަ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ޑްރާފްޓް ޓްރަސްޓް ސްޓޭޓްމަންޓެއް ތައްޔާރުކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ. ޑްރާފްޓް ސްޓޭޓްމަންޓް ޞައްޙަތޯ ފައިނޭންޝަލް ކޮންޓްރޯލަރ ބެލުމަށްފަހު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުން ފޮނުވަންޖެހޭ ޑްރާފްޓް ޓްރަސްޓް ސްޓޭޓްމަންޓާއި، މިނިސްޓަރަށް ހުށަހަޅާ ޓްރަސްޓް ސްޓޭޓްމަންޓް ތައްޔާރުކުރާނީ މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެ މަތިންނެވެ.

  • ޓްރަސްޓް ސްޓޭޓްމަންޓުގައި ޓްރަސްޓް އެކައުންޓް ހުޅުވުމާއި ޓްރަސްޓް ފަންޑް ޤާއިމުކުރުމުގެ ހުއްދަދީ ސޮއިކުރާނީ މިނިސްޓަރެވެ. ހުއްދަދޭ ލިޔުމުގެ 3 (ތިނެއް) ކޮޕީގައި މިނިސްޓަރު ސޮއިކުރަންވާނެއެވެ. މީގެތެރެއިން 1 (އެކެއް) ކޮޕީ އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއާ ހަވާލުކުރަންވާނެއެވެ. 2 ވަނަ ކޮޕީ ފޮނުވާނީ އޮޑިޓަރ ޖެނެރަލަށެވެ. 3 ވަނަ ކޮޕީ އޮންނަންވާނީ މިނިސްޓްރީ އޮފް ފިނޭންސްގައެވެ.

  • ޓްރަސްޓް ސްޓޭޓްމަންޓުގައި އިޤްރާރުވެފައިވާ ގޮތަށާއި، ޓްރަސްޓް ފަންޑުގެ އެންމެހައި މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ތިރީގައިމިވާ ގޮތުގެމަތިން ޢަމަލުކުރެވިދާނެއެވެ.

    1. ޓްރަސްޓް ސްޓޭޓްމަންޓް އިޞްލާޙުކޮށް، އަދި ޓްރަސްޓް އެކައުންޓުގެ އެޑްމިނިސްޓްރޭޓަރ ޓްރަސްޓް ފަންޑް ހިންގުމުގެ މަސްއޫލިއްޔަތުން ވަކިކޮށް، ނުވަތަ މައްސަލަ ތަޙުޤީޤުކޮށް ވަކި ގޮތެއް ނިންމެންދެން އެކަހެރިކުރުމަށްފަހު، އެޑްމިނިސްޓްރޭޓަރުގެ ވާޖިބު އަދާކުރުމަށް އެހެން މުވައްޒަފެއް ޢައްޔަންކުރުން.
    2. އެކައުންޓު ހިންގި ގޮތް ތަޙުޤީޤުކުރުން.
    3. ތަޙުޤީޤުގެ ހޯދުންތަކަށް ބަލާއިރު އެކަހެރިކުރި އެޑްމިނިސްޓްރޭޓަރ ޒިންމާވާންޖެހޭ ކަމެއް ނެތްނަމަ، އެޑްމިނިސްޓްރޭޓަރ އަނބުރާ އެ މަޤާމަށް އިޢާދަކުރުން.
    4. ތަޙުޤީޤުގެ ހޯދުންތަކަށް ބެލުމަށްފަހު އެކައުންޓު ބެލެހެއްޓުމަށް އިޞްލާޙީ ފިޔަވަޅެއް އަޅަންޖެހޭނަމަ، އެ ފިޔަވަޅެއް އެޅުން. އަދި އެކައުންޓު ބަންދުކުރަންޖެހޭކަމަށް ފެނިއްޖެނަމަ، އެކައުންޓު ބަންދުކުރުން.