ދައުލަތުގެ މުދާ

11.10 ދައުލަތުގެ އޮފީސްތަކުގެ މުދާ ބޭރަށް ގެންދިޔުމާއި ގެނައުން
  • ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލެއް އެ އޮފީހެއްގެ ބޭނުމަކަށް ނުވަތަ އެހެން އޮފީހެއްގެ ބޭނުމަކަށް ނުވަތަ މަރާމާތުކުރުމަށް އޮފީހުން ބޭރަށް ގެންދަންވާނީ، އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ނުވަތަ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ އެ އޮފީހެއްގެ އިސް މުވައްޒަފެއްގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތުން ގެންދާ މުދާ ގެންދިޔުމުގެ ކުރިން، ގެންދާ އެ މުދަލަކާއި، އެ މުދަލެއް ގެންދާ ތަނަކާއި، ހަވާލުވާ މީހަކާއި، އެ މުދަލެއް ގެންދާއިރު ހުރިގޮތާއި، އަދި މިނޫންވެސް މިފަދަ ބޭނުންތެރި މަޢުލޫމާތު އެކަމަށް ކަނޑައަޅާފައިވާ ފޮތެއް (އަނބުރާ ދައްކާގޮތަށް މުދާގެންދާ ފޮތް) ގައި ލިޔަންވާނެއެވެ. އަދި މިގޮތަށް ގެންދާ ތަކެތި އަނބުރާ ގެނައުމުން ގެނައިކަން އެ ފޮތުގައި ރިކޯޑުކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ މުދަލެއް ދޫކުރަންވާނީ، އެކަމަށް އެދޭ ފަރާތަކުން ލިޔުމެއް ފޮނުވުމުންނެވެ. އެ ލިޔުމުގައި އެ އެއްޗެއް ގެންދާ ބޭނުމަކާއި އަނބުރާ ގެންނާނެ ތާރީޚު އެނގެން އޮންނަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކުރި ތަކެތި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އަނބުރާ ނުލިބިއްޖެނަމަ، ތަކެތި ގެންދިޔަ ފަރާތަށް ލިޔުމުން އެ ތަކެތި އަނބުރާ ހަވާލުކުރުމަށް އަންގަންވާނެއެވެ. މިގޮތުން ލިޔުމުން އެންގުމުންވެސް އެ ތަކެތި ނުލިބިއްޖެނަމަ، މާލީޒިންމާދާރުވެރިޔާ އެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދޫކުރެވޭ މުދާ އަނބުރާ ލިބޭއިރު، އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބަލަންވާނެއެވެ. އަދި މިގޮތުން ބަލާއިރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ދެފަރާތުން ވާހަކަދައްކައިގެން އެ މައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަންވާނެއެވެ. މިގޮތުން ހައްލެއް ނުހޯދިއްޖެނަމަ އެ މައްސަލައެއް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މިނިސްޓްރީން ނިންމަންވާނެއެވެ.