އަހަރީ މާލީހިސާބުތަކާއި އަހަރީ ރިޕޯޓު އަދި އެކައުންޓިންގ ސްޓޭންޑަރޑްސް

15.07 ދައުލަތުގެ އޮފީހެއް އުވާލުމުން، ފައިނަލް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުން
  • ދައުލަތުގެ އޮފީހެއް އުވާލެވިއްޖެނަމަ، އެ އޮފީސް އުވާލެވުނު ދުވަހާ ހަމައަށް އެ އަހަރަކު ހިނގާފައިވާ މުއްދަތަށް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް، އެ އޮފީހެއް އުވާލެވުނުއިރު އެ އޮފީހުގައި ހުރި މާލީޒިންމާދާރުވެރިޔާ ތައްޔާރުކޮށް، އެ އޮފީހެއް އުވާލެވޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

  • ދައުލަތުގެ އޮފީހެއް އުވާލުމާ ގުޅިގެން އެތަނުގައި ހުރި މާލީޒިންމާދާރުވެރިޔާ ބަދަލުވެފައިވާނަމަ، އެ ހިސާބު ތައްޔާރުކުރާނެ ފަރާތެއް މިނިސްޓަރު ޢައްޔަންކުރަންވާނެއެވެ.

  • ދައުލަތުގެ އޮފީހަކުން އެންމެފަހުން ހުށަހެޅި އަހަރީ ރިޕޯޓުގެ ތާރީޚުން ފެށިގެން އެތަނެއްގެ މަސައްކަތް ހުއްޓާލުމާ ހަމައަށް ރިޕޯޓެއް ތައްޔާރުކޮށް، މާލީޒިންމާދާރުވެރިޔާ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

  • އުވައިލާ މަސްއޫލު އޮފީހުގެ ފައިނަލް ރިޕޯޓު ތައްޔާރުކުރާނީ، މި ގަވާއިދުގެ 15.01 އަދި 15.02 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

  • މާލީޒިންމާދާރުވެރިޔާ ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަށް އެކަށީގެންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދީ، ހުރިހާ އެކައުންޓެއްގެ މަޢުލޫމާތާއި، ލިޔުންތަކާއި، މިނޫނަސް ރިޕޯޓު ތައްޔާރުކުރާ ފަރާތަށް މުހިންމުކަމަށް ފެންނަ މަޢުލޫމާތުތަކާއި ރިކޯޑުތައް، ކޮންމެ ވަގުތެއްގައި ބެލޭނެގޮތް ހަމަޖެހިފައި އޮންނަންވާނެއެވެ.