ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.36 ޕްރޮކިއުކުރުމުގައި ބޭނުންވާ ކަންތައްތައް ލިޔުމުން ބަޔާންކުރުން (ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް)
  • ޕްރޮކިއުކުރުމުގައި، ގަންނަން ބޭނުންވާ ތަކެތި، ނުވަތަ ކުރަން ބޭނުންވާ މަސައްކަތް ނުވަތަ ހޯދަން ބޭނުންވާ ޚިދުމަތުގެ ފުރިހަމަ ތަފުސީލު ހިމެނޭގޮތަށް ލިޔުމެއް ތައްޔާރުކުރަންވާނެއެވެ. މިގޮތުން ލިޔުން ތައްޔާރުކުރާއިރު، ސްޕެސިފިކޭޝަން، ކުރެހުން، ބިލްސް އޮފް ކުއަންޓިޓީ، ޑެލިވަރީ ނުވަތަ މަސައްކަތް ނިންމަންޖެހޭ ޝެޑިއުލް، ޓަރމްސް އޮފް ރިފަރެންސް ނުވަތަ މިކަމަށް ބޭނުންވެދާނެ އެހެން އެއްވެސް މަޢުލޫމާތެއްވާނަމަ، އެ މަޢުލޫމާތެއް ހިމަނަންވާނެއެވެ.

  • ޕްރޮކިއުކުރުމަށް ތައްޔާރުކުރާ ބީލަންފޮތުގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ދައުލަތުގެ އޮފީސްތަކަށް އެފަހަރަކަށް ޕްރޮކިއުކުރަން ބޭނުންވާ އެއްޗެއް، މަސައްކަތެއް ނުވަތަ ޚިދުމަތަކާ ބެހޭ އެންމެހައި މަޢުލޫމާތު، އެފަހަރަކަށް ތައްޔާރުކޮށް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރާ ބީލަންފޮތުގައި ހިމެނުން.
    2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ މަޢުލޫމާތުގެ އިތުރަށް ބީލަންވެރިން ހުށަހަޅާ ބީލަންތައް ދިރާސާކޮށް ފެންވަރު ބަލާނެ ގޮތުގެ މިންގަނޑު (އިވެލުއޭޝަން ކްރައިޓީރިއާ) ޕްރޮކިއުކުރެވޭ ބީލަންފޮތުގައި ހިމެނުން.
    3. ބީލަމާއެކު ބީލަންވެރިން ހުށަހަޅަންޖެހޭ އެންމެހައި މަޢުލޫމާތުތައް ހުށަހަޅަންޖެހޭ ގޮތުގެ ނަމޫނާ (ފޯމެޓް) އާއި، ބީލަމާއެކު ހުށަހަޅަންޖެހޭ ގެރެންޓީ ނުވަތަ ސެކިއުރިޓީފަދަ ތަކެތީގެ ނަމޫނާ ބީލަންފޮތުގައި ހިމެނުން.
  • ބީލަންފޮތުގައި ހިމެނޭ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ތައްޔާރުކުރުމުގައި ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަންދޭން ވާނެއެވެ.

    1. ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ވާދަވެރިކަމަށް ހުޅުވާލެވޭ ބީލަމެއްކަން.
    2. އެއްބާވަތެއްގެ ބީލަންތަކަށް ޕޮއިންޓް ދިނުމަށް އާންމުކޮށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލު ނުގެނައުން.
    3. ބީލަމަށް ހުޅުވާލައިގެން ހޯދާ ތަކެއްޗަކީ ނުވަތަ ކުރުވާ މަސައްކަތަކީ ނުވަތަ ހޯދާ ޚިދުމަތަކީ އެ އޮފީހެއްގެ ބޭނުންތައް ހާސިލުވާނޭހެން އެކަށީގެންވާ ފެންވަރުގައި ކުރެވޭ ކަމަކަށްވުން.
  • ބީލަމެއްގައި ހޯދަން ބޭނުންވާ އެއްޗެއްގެ ނުވަތަ ކުރަން ބޭނުން މަސައްކަތެއް ނުވަތަ ބޭނުންވާ ޚިދުމަތެއް ހާސިލުކުރުމުގައި ބޭނުންވާ ކަންތައްތައް ކަނޑައަޅަންވާނީ އެކަމަކަށް އެންމެ އެކަށީގެންވާ ފަންނީ އަދި ފެންވަރު ހިމަނައިގެންނެވެ.

  • ބީލަމެއްގައި ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި، އެކަމެއް ބުނެދެވޭނެ ނުވަތަ ތަފުސީލުދެވޭނެ އެއްވެސް ގޮތެއް ނެތް ހިނދެއްގައި މެނުވީ، ވަކި ބްރޭންޑް ނަމެއް، ޑިޒައިނެއް، ޓްރޭޑްމާކެއް، ވައްތަރެއް، އަސްލު އުފެއްދުން އުފައްދާ ފަރާތް ނުވަތަ ކެޓަލޮގަކަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ. ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި އިސްވެ ބަޔާންކުރެވުނުގޮތަށް ރިޢާޔަތްކުރަނީނަމަ، އެއާ އެއްފެންވަރުގެ އެހެން އުފެއްދުންތައް ގަބޫލުކުރަންވާނެއެވެ. އަދި ހުށަހެޅޭ ބީލަންތައް ދިރާސާކުރުމުގައި ކުރިން ބުނެވުނުފަދަ ވަކި ވައްތަރެއް ބަލަންވާނީ އިވެލުއޭޓްކުރުމުގައި ގެންގުޅެވޭ އާންމު މިންގަނޑަކަށެވެ.

  • މި މާއްދާގެ (ބ) ގައި ވަކި ގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، ޓެކްނިކަލް ކޮމްޕެޓިބިލިޓީއަށާއި ސަރވިސްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ނުވަތަ ވޮރަންޓީގެ ޝަރުޠުތައް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ޕްރޮކިއުކުރުމަށް ހުޅުވާލާފައިވާ ބީލަމުގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ ތެރޭގައި ވަކި ޓްރޭޑްމާކެއް، ބްރޭންޑް ނަމެއް، ޕޭޓެންޓެއް، ވައްތަރެއް، ބާވަތެއް، ވަކި އަސްލެއް، ވަކި ފަރާތަކުން އުފައްދާފައިވާ އެއްޗެއް، ކެޓަލޮގް ނަންބަރު ހިމެނުމަށް ލާޒިމުކުރެވިދާނެއެވެ.