ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.11 ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ގެއްލުމެއް ވަމުންދާކަމުގެ ރިޕޯޓު ލިބުމުން ޢަމަލުކުރާނެ ގޮތް
  • ދައުލަތުގެ އޮފީހެއްގެ މުދަލާއި ފައިސާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ނުވަތަ ކުރިމަތިވަމުންދާކަމުގެ ރިޕޯޓު އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލިބުމާއެކު، އެކަމެއް ޔަގީންކުރުމަށް ވަގުތުން ފިޔަވަޅުއަޅަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާފަދަ ގެއްލުމެއްގެ ރިޕޯޓެއް އެ އޮފީހަކަށް ލިބިއްޖެނަމަ، ތިރީގައިމިވާ ކަންތައްތައް މާލީޒިންމާދާރުވެރިޔާ ޢަމަލު ކުރަންވާނެއެވެ.

    1. މުދަލާއި ފައިސާ ރަނގަޅަށް ޗެކުކުރެވިފައިވޭތޯ ޔަގީންކުރުން.
    2. މައްސަލަ ތަޙުޤީޤަށް ހުށަހެޅޭވަރަށް އިދާރީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުން.
    3. މައްސަލަ އިތުރަށް ތަޙުޤީޤުކުރަންޖެހޭކަމަށް މާލީޒިންމާދާރުވެރިޔާއާއި އިސްވެރިޔާއަށް ފެނިއްޖެ ހިނދެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން. މިގޮތުން ހުށަހެޅުމަށްފަހު އެކަން މިނިސްޓްރީ އޮފް ފިނޭންސްއަށް އެންގުން.
    4. މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބިފައިވަނީ މުވައްޒަފެއްގެ އިހުމާލުން ނުވަތަ މުވައްޒަފަކު ގަސްދުގައި ކުރި ކަމަކުންކަމަށް ތުހުމަތުކުރެވޭނަމަ، އެ މުވައްޒަފަކު ގަވާއިދާ އެއްގޮތަށް އެ މަސައްކަތުން އެކަހެރިކުރުން.
    5. މައްސަލަ ދިމާވުމުން ޚުލާޞާ އިންޓަރިމް ރިޕޯޓެއް ތައްޔާރުކުރުން. އަދި ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަފުސީލު ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުން. (މި ރިޕޯޓު ފޮނުވާނީ "ސިއްރު އަވަސް" ރިޕޯޓެއްގެ ގޮތުގައެވެ.)
    6. މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ރިޕޯޓަށް ބަލާއިރު، އެއްވެސް މުވައްޒަފަކު ޒިންމާވާންޖެހޭކަމަށް ހެއްކާއި ގަރީނާ ހުރިކަމަށް މާލީޒިންމާދާރުވެރިޔާއަށް ފެންނަނަމަ، އެ އޮފީހުގެ އިސްވެރިޔާގެ މަޝްވަރާގެމަތިން އެ މުވައްޒަފަކާމެދު ގަވާއިދުން ފިޔަވަޅުއެޅުން.
  • މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ތަފްސީލު ރިޕޯޓުގައި، ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ގެއްލުން ލިބުނު އޮފީސް ނުވަތަ ތަނުގެ އެޑްރެސް.
    2. ގެއްލުން ލިބުނު ތާރީޚާއި ގަޑި.
    3. ލިބިފައިވާ ގެއްލުމުގެ ބާވަތާއި ލިބުނު ގެއްލުމުގެ ޖުމުލަ އަގު، އަދި އެ ގެއްލުމެއްގެ ބަދަލު ހޯދިފައިވާނަމަ އެކަން.
    4. ގެއްލުން ލިބުނު މުދާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފެއްގެ ނަމާއި މަޤާމު އަދި މަސްއޫލިއްޔަތު އަދާކުރުމުގައިވީ މުއްދަތު، އަދި އެ މުވައްޒަފުގެ ބެލުމުގެދަށުން މީގެކުރިން މިފަދަ ގެއްލުމެއް ވެފައިވޭތޯ ނުވަތަ ކުރިން އަދާކުރި ވަޒީފާއެއްގައި ހުރިއިރު މިބާވަތުގެ ކަމެއް ހިނގާފައިވާނަމަ އެކަމުގެ ތަފުސީލު.
    5. ގެއްލުން ލިބެން ދިމާވި ހާލަތްތަކާއި، އެ ހާލަތްތައް ހޯދުނު މިންވަރު.
    6. ގެއްލުން ލިބިފައިވާ ތަނުގައި ރައްކާތެރިކަމާއި ސަލާމަތީފިޔަވަޅު އެޅިފައިވާނަމަ އެކަމުގެ ތަފުސީލު، އަދި މިފަދަ ފިޔަވަޅުތައް ރަނގަޅު އުސޫލެއްގެމަތިން އެޅިފައި ނެތްނަމަ، އެކަން ރަނގަޅުކުރުމަށް ފެންނަ ގޮތް.
    7. ކުރިން އެންގުމަކާ ނުލައި މުދަލާއި ފައިސާ ބަލައި ޗެކުކުރުމަށް ރޭވިފައިވާ ގޮތުގެ ތަފުސީލު، އަދި އެންމެފަހުން ޗެކުކުރެވިފައިވާ ތާރީޚު.
    8. ފައިސާ ބޭންކަށް ޖަމާކުރުމަށް ކަނޑައަޅާފައިވާ ދުވަހާއި ވަގުތުތައް، އަދި ގަވާއިދުން ޖަމާކުރޭތޯއާއި، އެންމެފަހުން ފައިސާ ޖަމާކުރެވިފައިވާ ތާރީޚާއި ވަގުތު.
    9. ގެއްލުނު މުދާ ނުވަތަ ފައިސާއާ ހަވާލުވެހުރި މުވައްޒަފު ފިޔަވައި އެހެން ފަރާތެއް ބައިވެރިވެފައިވާނަމަ، އެކަމުގެ ތަފުސީލު.
    10. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓު ފޮނުވުމަށްފަހު އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ އެކަން. ޚާއްޞަކޮށް އެކަމުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފެއްގެ ނުވަތަ އެހެން ފަރާތެއްގެ މައްޗަށް ދަޢުވާކޮށްފައިވާނަމަ އެކަން، ނުވަތަ އެ މުވައްޒަފަކާމެދު އަޅާފައިވާ ފިޔަވަޅު.
    11. މިފަދަ ގެއްލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފިޔަވަޅު އެޅުމަށް އެ އޮފީހަކަށް ފެންނަ ގޮތް.
    12. މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފެންނަނަމަ ސަބަބާއެކު އެކަން.
  • މި މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގައިވާ ރިޕޯޓު ލިބުމާއެކު އެ ރިޕޯޓަށް ރިޢާޔަތްކޮށް، ތިރީގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެ އޮފީހަކަށް އަންގަންވާނެއެވެ.

    1. މިކަމަށް އެއްވެސް ފިޔަވަޅެއް އަޅަން ފެންނަނަމަ، ފިޔަވަޅު އެޅުމަށް، ރިޕޯރޓު ހުށައެޅި ފަރާތައް އެންގުން. އަދި ބޭނުންވެއްޖެ ހިނދެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެޑްވާންސް އެކައުންޓެއް ހުޅުވުމަށް ހުއްދަދީ، އެ ގެއްލުމެއް އަނބުރާ ދައްކާނެ އުސޫލެއް ކަނޑައެޅުން.
    2. ލިބިފައިވާ ގެއްލުމަށް ބެލިއިރު ހިސާބުކުރުމުގެ އުސޫލުތަކުގައި ހިމެނޭ އުނިކަމެއް ފާހަގަކުރެވިފައިވާނަމަ، އެކަމެއް އިޞްލާޙުކުރުމަށް ފެންނަ ގޮތް.
    3. ބޭނުންވެއްޖެކަމަށް ފެންނަ ހާލަތެއްގައި، ތަޙުޤީޤު ކޮމެޓީއެއް ޢައްޔަންކުރުން.
    4. ގެއްލުންތައް ބަލައި ހިސާބުކުރުމަށާއި ތަޙުޤީޤުކުރުމަށް އިންޓަރނަލް އޮޑިޓް ކުރާ ފަރާތަކަށް އެންގުން.