ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.24 ޝޮޕިންގ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަ"ތް ހޯދުން"
  • "ޝޮޕިންގ" އަކީ ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ މަދުވެގެން 3 (ތިނެއް) ފަރާތަކުން ކޯޓޭޝަން ހޯދައި، އެ ކޯޓޭޝަންތައް އަޅާކިޔުމަށްފަހު އޭގެ ތެރެއިން އެންމެ އެކަށީގެންވާ ރަނގަޅު ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ.

  • "ޝޮޕިންގ" ގެ މަޤުޞަދަކީ، ތަކެތި ނުވަތަ ޚިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް އާންމުކޮށް އިޢުލާނުކުރުމުން އެކަށީގެންވާ ތަރުޙީބެއް ނުލިބިދާނެ އަދި ހެޔޮއަގެއްވެސް ނުލިބިދާނެކަމަށް ފެންނަ ހާލަތްތަކުގައި އިޤުތިޞާދީގޮތުން ފައިދާހުރި އަދި އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ވާދަވެރި މާޙައުލެއްގައި، ހެޔޮ އަގެއްގައި އެކަމެއް ކުރުމެވެ.

  • "ޝޮޕިންގ" ގެ އުސޫލުން ކޯޓޭޝަން ހޯދައިގެން ޕްރޮކިއުމަންޓުގެ ކަމެއް ކުރަންވާނީ މި ބާބުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ފެތޭ ޕްރޮކިއުމަންޓްތަކަށެވެ.

  • ތަކެތި ނުވަތަ ޚިދުމަތް ހޯދުމުގައި އާންމުކޮށް އިޢުލާންކޮށްގެން ހޯދަން ނުޖެހޭ ފަދަ ހާލަތްތަކުގައި އެފަދަ ތަކެތި ނުވަތަ އެފަދަ ޚިދުމަތް ދައުލަތުގެ ތަނަކުން ނުވަތަ ދައުލަތުން ކޮންޓްރޯލްކުރާ ތަނަކުން ހޯދިދާނެވެ. މިގޮތުން އެފަދަ ތަކެތި ނުވަތަ އެފަދަ ޚިދުމަތް ހޯދާއިރު އެވަގުތަކު ބާޒާރުގައި އެފަދަ ތަކެތި ނުވަތަ އެފަދަ ޚިދުމަތް ލިބެން ހުރި އަގަށްވުރެ ބޮޑުނޫންކަން ޔަޤީންކުރަންވާނެއެވެ.

  • "ޝޮޕިންގ" ގެ އުސޫލުން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓޭޝަން ހޯދާއިރު ފުރަތަމަ ފަހަރު، މަދުވެގެން 3 (ތިނެއް) ފަރާތަކުން ކޯޓޭޝަން ހުށަނާޅާނަމަ، ދެވަނަފަހަރަށް ކޯޓޭޝަން ހޯދާއިރު ހުށަހަޅާފައިވަނީ އެއްފަރާތަކުން ކަމުގައިވީނަމަވެސް، އެފަރާތަކީ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވެފައި އަދި އެފަރާތުން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވާނަމަ، އެފަރާތަކާ މަސައްކަތް ހަވާލުކުރެވިދާނެއެވެ.