ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.09 ބަލައިގަންނަ ފައިސާ ބެލެހެއްޓުން
  • މުވައްޒަފުންގެ ހަވާލުގައި ނުވަތަ އޮފީހުގައި ފައިސާ ބަހައްޓަންވާނީ، މި ގަވާއިދުގެ 6.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

  • ދައުލަތުގެ ތަންތަނަށް ލިބޭ ފައިސާ އެ ފައިސާއެއް ދައްކަންޖެހޭ ފަރާތަކަށް ދައްކާ ނިމެންދެން ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަތް މީހެއްގެ ޒިންމާގައެވެ.

  • ދައުލަތުގެ ތަންތަނަށް ޗެކުން ބަލައިގަންނަ ފައިސާ ގަވާއިދުން ޖަމާނުކޮށް ލަސްވުމުގެ ސަބަބުން އެ ޗެކަކަށް ފައިސާ ނުލިބިއްޖެނަމަ، އެކަމާ ޒިންމާވާން ޖެހޭނީ، އެ ޗެކެއް ޖަމާކުރުމުގައި އިހުމާލުވި މުވައްޒަފެކެވެ.

  • ދައުލަތުގެ ތަންތާނގެ ތެރެއިން ތިޖޫރީ ހުންނަ ތަންތާނގައި ދައުލަތުގެ ފައިސާ ބަހައްޓަންވާނީ ތިޖޫރީގައެވެ. ތިޖޫރީ ނެތް ތަނެއްގައިނަމަ ފައިސާ ބަހައްޓާނީ މި ގަވާއިދުގެ 6.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ރައްކާތެރި ތަނެއްގައި ނުވަތަ އެއްޗެއްގައެވެ.

  • ފައިސާ ބަލައިގަތުމަށް ވަކި ތަނެއް ޤާއިމުކުރެވިފައިވާ އޮފީސްތަކުގައި އެތަނަށް އާންމުކޮށް ވަނުމުގެ ހުއްދަ އޮންނަންވާނީ ހަމައެކަނި ފައިސާ ބަލައިގަންނަ މުވައްޒަފުންނަށެވެ. ފައިސާ ބަލައިގަންނަ ވަގުތުތަކުގައާއި ފައިސާ ބަލައިގަންނަން ތައްޔާރު ކުރެވެމުންދާ ވަގުތުތަކުގައާއި ދުވަހުހިސާބު ނިންމާ ވަގުތުތަކުގައި މިބައިގެ ދޮރު ހުންނަންވާނީ ތަޅުލެވިފައެވެ.

  • ބަލައިގަންނަ ފައިސާ ހުންނަންވާނީ، އެ ފައިސާއެއް ބަލައިގަންނަ މުވައްޒަފެއްގެ ހަވާލުގައި، އެ ފައިސާގެ ރައްކާތެރިކަމަށް އެފަރާތެއް ސީދާ ޒިންމާވާގޮތަށް، ހަމައެކަނި އެފަރާތުގެ ހަވާލުގައި ރައްކާތެރިކަމާއެކު ބެލެހެއްޓޭ ގޮތަކަށެވެ.

  • މަސައްކަތުގެގޮތުން ފައިސާއަށް ޒިންމާވާންޖެހޭ މުވައްޒަފުންނަށް ފައިސާ ރައްކާތެރިކަމާއެކު ގެންގުޅެވޭނޭފަދަ އެކަށީގެންވާ ރައްކާތެރި ވަސީލަތްތައް ހަމަޖައްސައިދޭންވާނެއެވެ.

  • ފައިސާއަށް ސީދާ ޒިންމާވާންޖެހޭ މުވައްޒަފުންގެ އަތުން ފައިސާ ގެއްލި ނުވަތަ ވައްކަންކުރުންފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އަދި ކަމާގުޅޭ އިރުޝާދު މުވައްޒަފުންނަށް ދީ، އަދި މި ފިޔަވަޅުތަކަށް ޢަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި އިތުރު އެންގުމަކާ ނުލައި ދޭތެރެދޭތެރެއިން ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު ނުވަތަ އޭނާ ޢައްޔަންކުރާ މީހަކު ޗެކުކުރަންވާނެއެވެ.