ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.01 ދައުލަތުގެ ފައިސާ ޚަރަދުކުރުން
  • ދައުލަތުގެ ފައިސާ ޚަރަދުކުރަންވާނީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓުގެ ފަންޑުތަކުގައި ދަރަންޏަށް ޒިންމާވާގޮތަށް ފައިސާ ޚަރަދުކުރެވެންހުރެ، ޤާނޫނީ ހަމަތަކުގެމަތިން ހޯދޭ ތަކެއްޗަށް، ނުވަތަ ލިބިގަނެވޭ ޚިދުމަތަށް، ނުވަތަ ކުރުވާ މަސައްކަތަށް، ނުވަތަ އަދާކުރާ ވަޒީފާގެ މުސާރައާއި ޢިނާޔަތަށް، ނުވަތަ ޤާނޫނާ އެއްގޮތަށް ދޫކުރެވޭ ލޯނާއި ޚާއްޞަ އެހީއަށް ޤާނޫނީ ހަމަތަކުގެމަތިން ޚަރަދުކުރުމަށް ހުއްދަކުރާ ފައިސާ ދޫކުރުމަށެވެ.

  • ފައިސާ ޚަރަދުކުރުމަށް ހުއްދަދޭނީ އެކަމަށް ކަނޑައަޅާ އިސްވެރިޔަކު ހުއްދަދީފައިވާ ފަރާތްތަކުންނެވެ. އަންނަނިވި ހާލަތްތަކުގައި މެނުވީ، ދަރަންޏަށް ޒިންމާވާގޮތަށް، ދައުލަތުގެ ފައިސާ ޚަރަދުކުރަންޖެހޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ނުވާނެއެވެ.

    1. ދަރަންޏަށް ޒިންމާވާގޮތަށް ޚަރަދުކުރަންޖެހިފައިވާ ފައިސާ، ބަޖެޓުގައި ނުވަތަ އެ ޚަރަދެއް ކުރަން ކަނޑައެޅިފައިވާ އެކައުންޓެއްގައި ޚަރަދުކުރުމަށް ބޭނުންވާ މިންވަރަށް ލިބެން ހުރުން.
    2. ޤާނޫނާއި މި ގަވާއިދުގައި ހުއްދަކުރެވިގެން ޚަރަދުކުރަންޖެހިފައިވާ ފައިސާއެއް ކަމުގައިވުން.
  • އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަންދޭންވާނެއެވެ.

    1. ދައުލަތުގެ އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ދައްކަންވާނީ މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމަށްފަހުއެވެ. ނަމަވެސް، ޕީ.އޭ.އެސް މެދުވެރިކޮށް ޕާރޗޭސް އޯޑަރު ތައްޔާރުކުރާ އޮފީސްތަކުން ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް ފައިސާ ދެއްކިދާނެއެވެ.
    2. ވެންޑަރުގެ (ފައިސާ ލިބެންވާ ފަރާތުގެ) ނަމާއި، އެޑްރެހާއި، ވެންޑަރުގެ ބޭންކް އެކައުންޓު ނަންބަރާއި ޕީ.އޭ.އެސްގެ ވެންޑަރުގެ ކޯޑު (ވެންޑަރ އައި.ޑީ) ރިކޯޑު ކުރެވިފައިވޭތޯ ބެލުން.
    3. އެކައުންޓު ކޯޑުތަކާއި، އައިޓަމް ކޯޑުތައް ރަނގަޅުތޯ ބެލުން.
    4. އަނބުރާ ލިބޭގޮތަށް ކުރެވޭ ޚަރަދެއްނަމަ، ފައިސާ ދައްކާ ވައުޗަރުގައި އެކަން ރަނގަޅަށް ބަޔާންކުރެވިފައިވޭތޯ ބެލުން.
    5. ބޭރުފައިސާއެއްނަމަ، ރޭޓާއި ގަތް އަދަދާ ގުނަކުރުމުން އަންނަ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއްތޯ ބެލުން، އަދި އެއްކުރުމާއި ޖުމުލަކުރުން ރަނގަޅުތޯ ބެލުން.
    6. ތަކެއްޗާއި ޚިދުމަތް ފުރިހަމައަށް ލިބިފައިވޭތޯ ބެލުމާއި، މަސައްކަތްތައް ނިމިފައިވޭތޯ ބެލުން.
    7. ފައިސާ ދައްކާ ވައުޗަރާއެކު ހުންނަންޖެހޭ އަދި ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ފުރިހަމަކުރެވި ހަމައަށް ހުރިތޯ ބެލުން.
    8. ފައިސާ ދައްކާ ވައުޗަރު ކަނޑައި ފޮހެ ޓިޕެކްސްޖަހައި ބަދަލުކޮށްފައިވޭތޯއާއި، އޭގައިވާ ލިޔުންތައް ކިޔަން އެނގޭތޯއާއި، އަދި ލިޔެފައިވާ ލިޔުމަކީ ފަސޭހައިން ބަދަލުނުކުރެވޭގޮތަށް ހުރި ލިޔުމެއްތޯ ބެލުން.
  • ފައިސާ ދައްކާ ވައުޗަރުގައިވާ އަދަދަކަށް ނުވަތަ ލިޔުމަކަށް ބަދަލެއް ގެނެސްފައިވާނަމަ، އެ ވައުޗަރެއް ގަބޫލުކުރެވޭނީ، ބަދަލު ގެނެސްފައިވާ ތަނުގައި ފައިސާ ޚަރަދުކުރުމުގެ ހުއްދަ އޮތް ވެރިން ސޮއިކުރުމުންނެވެ.

  • ދައުލަތުގެ އޮފީސްތަކުން ކުރާ މަސައްކަތްތަކަށާއި، ގަންނަ މުދަލަށާއި، ހޯދާ ޚިދުމަތަށް ފައިސާ އަދާކުރުމުގައި ނަގުދުފައިސާއިން ފައިސާ ދެވޭނީ މިނިސްޓްރީ އޮފް ފިނޭންސްން ހުއްދަދޭ އަދަދަކަށް އަދި ހުއްދަދޭ ކަންކަމަކަށެވެ.